ކަލާސްގެ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ ސީޒަން 15 ގެ ތެރެއިން ހިތާވެ، ސީރިއަސް ލޯބީގެ ގުޅުމެއް ފެށި މަޝްހޫރު ޓީވީ ތަރިން ކަމަށްވާ ކަރަން ކުންދުރާ އާއި ތޭޖާސްވީ ޕްރަކާޝް އަންނަ މަހު ކައިވެނި ކުރާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކަރަން މިހާރު ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް ކައިވެނިކުރާށެވެ. އެހެންވެ ޕްލޭންތައް ކުރެވި، މިހާރު ކައިވެންޏަށް ތައްޔާރަށް ހުރި ކަމަށް ރޭޑިއޯ ސިޓީ އަށް މި ހަފުތާގައި ދިން އިންޓަވިއުއެއްގައި ވެސް 38 އަހަރުގެ އެކްޓަރު ބުނެފައިވެ އެވެ.
ބޮލީވުޑްގެ ފިލްމުތައް ކަމަށްވާ "މުބާރާކަން" އާއި "ހޮރޯ ސްޓޯރީ" އާއި "1921" ގެ އިތުރުން "ޑޯލީ ކިޓީ އޯރް ވޯ ޗަމަކްތޭ ސިތާތޭ" ފަދަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ ކަރަން އަކީ ކަލާސް މިދިޔަ މަހު ހޯމަ ދުވަހުގެ ރޭ ދައްކަން ފެށި ސުޕަނެޗްރަލް ސިލްސިލާ "އިޝްގް މޭ ގާޔަލް" ގެ އެއް ބަތަލެވެ.
އޭނަގެ ބައިވެރިޔާ ތޭޖާސްވީ އަކީ "ބިގް ބޮސް 15" ކާމިޔާބު ކުރުމަށް ފަހު، ކަލާސް އިން މިދިޔަ ހަފުތާގައި ނިންމައިލި ސިލްސިލާ "ނާގިން" ސީޒަން ހައެއްގެ ބަތަލާ އެވެ.
ކަރަން އާއި ތޭޖާސްވީގެ ގުޅުން ވަރަށް ބޮޑަށް ދެ މީހުންގެ އިންސްޓަގްރާމުން ވެސް ފެނިގެންދާ އިރު، ދެ ތަރިން އެކީގައި ވީޑިއޯ ލަވަތަކެއް ވެސް ކުޅެފައިވެ އެވެ. ތޭޖާސްވީއާ ރައްޓެހިވުމުގެ ކުރިން ކަރަން، ބޮލީވުޑްގެ ޑައިރެކްޓަރު ފަރުހާން އަޚްތަރުގެ މިހާރުގެ އަންހެނުން ޝިބާނީ ޑަންޑޭކަރްގެ ކޮއްކޮ މޮޑެލް/ބަތަލާ/ވީޖޭ އަނޫޝާ ޑަންޑޭކަރާ ވެސް ލޯބީގެ ގުޅުމެއް ބޭއްވި އެވެ.
އޭރު އެ ދެ މީހުންގެ އެކީގައި އެމްޓީވީގެ ޝޯ، "ލަވް ސްކޫލް" ވެސް ހޯސްޓްކޮށްފައިވެ އެވެ.