Last Updated: June 14, 06:05
Sunday, June 14, 2026
ޚަބަރު

ނަޝީދު ޕާޓީގެ ރައީސްކަމުން އިސްތިއުފާ ދޭން ޖެހޭ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ބަލިވެވަޑައިގަތް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ބަލި ގަބޫލުނުކުރައްވައި ޕާޓީ ފުނޑާލ؛ން މަސައްކަތްކުރައްވާތީ ނަޝީދަށް މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ ޕާޓީގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވުން ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު މަވޯޓާ ވިދާޅުވެއްޖެ އެވެ.

ނަޝީދަށް ތާއީދުކުރާ މެމްބަރަކު މިހާރު ވަނީ މިހާރު ޕްރައިމަރީ ބާތިލުކޮށް ދޭން ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. މިދިޔަ މަހުގެ 28 ގައި ބޭއްވި ޕްރައިމަރީ ބާތިލުކޮށް، އަލުން ޕްރައިމަރީ ބާއްވައި ދިނުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހެޅުއްވީ ނަޝީދަށް ތާއީދުކުރައްވާ ޕޮލިސް ބޯޑުގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ހާމިދު އަބްދުލްޣަފޫރެވެ.

މައްސަލަ ކޯޓަށް ހުށަހަޅާފައި މި ވަނީ މާދަމާ ރޭ ރައީސަށް ރަސްމީކޮށް ޓިކެޓް ހަވާލުކުރަން ޖަލްސާއެއް ބާއްވަން ވެސް ތައްޔާރުވެފައި ވަނިކޮށެވެ.

މަވޯޓާ މިއަދު ކުރެއްވި ޓްވީޓްތަކެއްގައި ވިދާޅުވީ ނަޝީދު ބަލި ގަބޫލުނުކުރެއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ވެސް ދެކޮޅު އަމަލެއް ކަމަށެވެ.

"ޕާޓީގެ އައުލަބިއްޔަތުން ނިންމާ ނިންމުންތަކާ ފާޅުގައި ދެކޮޅު ހައްދަވައި ކަނޑައެޅިގެން އަސާސީ ގަވައިދާ ހިލާފަށް އަމަލުކުރާ ބަޔަކު ޕާޓީގެ ލީޑަޝިޕް މަގާމުގައި ތިބުމަކީ ކޮށްގެން ވާނެ ކަމެއް ނޫން. އެކަން ހުއްޓާލަން ގޮވާލަން،" މަވޯޓާ ވިދާޅުވި އެވެ. "އުފެދޭ ސުވާލަކީ އެމްޑީޕީގެ ލީޑަޝިޕްގައި ހިމެނޭ ބައެއް ބޭފުޅުންނަށް ޕާޓީގެ މެމްބަރުންގެ އައުލަބިއްޔަތުން ނިންމުންތަކާ ދެކޮޅު ހަދައި ޕާޓީގެ އަސާސީ ގަވައިދާ ކަނޑައެޅިގެން ދެކޮޅު ހަދަމުން މަގާމުތަކުގައި ދެމިތިއްބެވިދާނެތޯ؟ ރަނގަޅު ގޮތަކީ ނަޝީދު] މަގާމުން އިސްތިއުފާ ދިނުން."

އޭނާ ވިދާޅުނީ ނަޝީދު ކަން ކުރައްވަނީ ހުދުމުހުތާރު މީސްމީހުން ކަންކަން ކުރައްވާ އުސޫލުން ކަމަށެވެ.

"ޕާޓީ ފުނޑާލަން މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަސްލަހަތާ މެދު ފިކުރު އެއްވެސް މީހަކު ކުރާނެ ކަމެއް ނޫން." މަވޯޓާ ވިދާޅުވި އެވެ. "ތިމާ އެދޭ ގޮތް ނޫން އެހެން އެއްވެސް ގޮތެއް ގަބޫލު ނުކުރުމަކީ ހުދުމުހުތާރުކަމުގެ ސިފައެއް."

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ވާދަކުރައްވައި ނަޝީދު ޕްރައިމަރީން ބަލިވެވަޑައިގަތީ ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގެ ދާއިމީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ.

ނަޝީދު މިހާރު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވަން މަސައްކަތްކުރަމުންނެވެ. އަދި އެކަމަށް ސަޕޯޓަރުން ލައްވައި ސޮއިކުރުވަމުން ގެންދަވާ އިރު، މިހާތަނަށް 50،000 މީހުން ސޮއިކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ.