ހިންދީ ފިލްމު ބަލާ މީހުންނަށް އަދިތިޔާ ޗޯޕްޅާ (އާދީ) ގެ ނަން ބީރައްޓެއްސެއް ނުވާނެ އެވެ. އޭނަ އަކީ ހިިންދީ ސިނަމާގެ އެންމެ އައިކޮނިކް ފިލްމުތަކުގެ ތެރޭގައި ހިމެނޭ ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭޖޭ (ޑީޑީއެލްޖޭ) ގެ ޑައިރެކްޓަރެވެ. އަދިތިިޔާ އަކީ ބައްޕަ އަދި ކުރީގެ މަޝްހޫރު ޑައިރެކްޓަރު ޔާޝް ޗޯޕްޅާގެ ދޮށީ ދަރިފުޅެވެ. އާއިލީ ފިލްމު ކުންފުނި ޔާޝްރާޖް ފިލްމްސް( ވައިއާރްއެފް) ހިންގުމުގެ ޒިންމާ މިހާރު ނަގަނީ އާދީ އެވެ.
އޭނަ އަކީ މަޝްހޫރު ބަތަލާ ރާނީ މުކަރްޖީގެ ފިރިމީހާ އެވެ. އެކަމަކު އެއްވެސް މީހަކަށް ހަމަލޮލުން އާދީ ފެނިފައެއް ނެތެވެ. އާދީ ފެނިފައި ވާނީ ހަމައެކަނި ވައިއާރްއެފްގެ ފިލްމުތަކުގައި މަސައްކަތްކުރާ މީހުންނަށެވެ. އާންމުންނަށް އޭނަ ފެނުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެންވެ ބައެއް މީހުން އާދީ އަކީ އަސްލު އުޅޭ މީހެއް ކަމަށް ގަބޫލެއް ވެސް ނުކުރެ އެވެ.

ވަރަށް ޕްރައިވެޓް ލައިފެކެވެ. ބޮލީވުޑްގެ އެންމެ ނުފޫޒު ފަދަ އެއް ޑައިރެކްޓަރު/ޕްރޮޑިއުސަރު ކަމަށް ވިޔަސް މިހާތަނަށް އޭނަ އެއްވެސް މީޑިއާއަކަށް އިންޓަވިއެއް ވެސް ނުދެ އެވެ. އެހެންވެ ޓީވީއަކުން ވެސް ދުވަހަކު ވެސް އާދީގެ އިންޓަވިއުއެއް ފެނިފައި ނުވާނެ އެވެ. އަނެއްކޮޅުން އޭނަގެ ގާތް އެއްވެސް މީހަކު ވެސް އާދީގެ ފޮޓޯއެއް ވެސް އެއްވެސް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ޕޯސްޓެއް ވެސް ނުކުރެ އެވެ.
View this post on Instagram
އާދީ މިހާތަނަށް ކެމެރާގެ ލެންސަށް އަރާފައި ވަނީ އެކި ފަހަރު މަތިން އެއާޕޯޓުން ޕަޕަރާޒީންނަށް ފެނިގެންނެވެ. އެ ނޫން ގޮތަކަށް އޭނަ ފެނުމަކީ "ހުޅަނގު ފަރާތުން އިރުއެރުން" ކަހަލަ ކަމެކެވެ.
އެކަމަކު އާދީގެ މި "ފިލުމަށް" މިހާރު މި ވަނީ ނިމުމެއް ގެނެސްފަ އެވެ.
View this post on Instagram
ވައިއާރްއެފްގެ ފިލްމީ މަސައްކަތްތަކާ ގުޅޭ ގޮތުން މި މަހުގެ 14 ގައި ނެޓްފްލިކްސް އަށް ގެނައި ޑޮކިއުމަންޓަރީ ސީރީޒް "ދަ ރޮމޭންޓިކްސް" ގައި ވަނީ އާދީގެ އިންޓަވިއުއެއް ހިމަނައިފަ އެވެ. އޭގައި އޭނަ ފިލްމީ އެތައް ވާހަކައެއް ހިއްސާކޮށްފައިވެ އެވެ. އާދީގެ މި ފެނިލުމާ އެކީ، އޭނައާ ވަރަށް ގާތް މީހުންގެ ތެރޭގައި ހިމެނޭ ކަރަން ޖޯހަރް ފަދަ މިސްމީހުން އެ ވާހަކަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ.
ކަރަން ބުނި ގޮތުގައި އެންމެ ފަހުން މިއޮތީ އާދީ އަކީ އުޅޭ މީހެއްކަން ޔަގީންކޮށް ދީފަ އެވެ. އަދި ސަމާސާއަކަށް އޭނަ ބުނީ މިހާރު މިވީ ގޮތުން ދެން އަދީއާ އެކު ނަގާފައިވާ ފޮޓޯތައް ވެސް އާންމުކުރަން އެއްވެސް ހުރަހެއް ނެތް ކަމަށް ގަބޫލުކުރާ ކަމަށެވެ.
ކޮންމެއަކަސް ހަޔާތުގެ ބޮޑު ބައިގައި "ފިލައިގެން" އުޅުމަށް ފަހު އާދީ، 51، ގެ މި ނުކުތުމުން "ދަ ރޮމޭންޓިކްސް" ގެ ޑައިރެކްޓަރު ސުމިރްތީ މުންދުރާ އަށް ވެސް ލިބުނީ ބޮޑު އުފާވެރި ކަމެކެވެ. އޭނަ ބުނި ގޮތުގައި މި ޑޮކިއުމަންޓަރީ، ހަގީގަތުގައި އާދީގެ ފެނިލުމާ ނުލައި ފުރިހަމައެއް ވެސް ނުވާނެ އެވެ. އެކަމަކު އޭނަ އެއްބަސްކުރެވުނީ މާ ފަސޭހަކޮށް ނޫން ކަމަށް ބުންޏެވެ.
ސުމިރްތީ ބުނި ގޮތުގައި "ދަ ރޮމޭންޓިކްސް" އަށް އާދީ އެއްބަސްވީ ބައްޕަ ޔާޝް އަށް އޮތް ލޯތްބާއި ގަދަރަށްޓަކަ އެވެ. ސަބަބަކީ މި ޑޮކިއުމަންޓަރީ އަކީ ޔާޝްގެ ލެގަސީ އަށް ބިނާވެފައި އޮތް އެއްޗަކަށްވުމެވެ.
View this post on Instagram
އެހެންވީމާ އާދީ ބަލާލަން ބޭނުން ނަމަ ނެޓްފްލިކްސް އަށް ވަދެލަމާ ހިނގާށެވެ. "ދަ ރޮމޭންޓިކްސް" އަކީ ހަތަރު އެޕިސޯޑްގެ އެއްޗެކެވެ.
"ޑީޑީއެލްޖޭ" އަށް ފަހު އާދީ ޑައިރެކްޓްކުރި ފިލްމުތަކުގެ ތެރޭގައި 2000 ވަނަ އަހަރުގެ "މޮހައްބަތޭ" އާއި 2008 ގެ "ރަބް ނެ ބަނާދީ ޖޯޅީ" އަދި 2016 ގެ "ބޭފިކުރޭ" ހިމެނެ އެވެ. އޭނަ ޕްރޮޑިއުސްކޮށް އެންމެ ފަހުން ގެނެސްދިން ފިލްމަކީ ބޮކްސް އޮފީހުގައޮ އާ ރެކޯޑްތަކެއް ހެދި އަދި މިދިޔަ މަހުގެ 25 ގައި ރިލީޒްކުރި "ޕަތާން" އެވެ.
ވައިއާރްއެފްގެ "ދޫމް" ސީރީޒްގައި އަލީގެ ކެރެކްޓާ އިން ފެންނަ އުދޭ ޗޯޕްޅާ އަކީ އާދީގެ އެއްބަނޑު އެއްބަފާ ކޮއްކޮ އެވެ.