މަހުޖަނު އީލޮން މަސްކް މިދިޔަ އަހަރު ޚައިރާތަށް 1.9 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކްރޮނިކަލްސް އޮފް ފިލަންތުރޮޕީން ބުނި ގޮތުގައި އެ އަދަދާ އެކީ އީލޮން، 51، އަކީ ޚައިރާތަށް މިދިޔަ އަހަރު ދެވަނަ އަށް އެންމެ ބޮޑު ހޭދައެއް ކުރި މަހުޖަނެވެ. އޭނަ އެ އެހީ ދިން އިރު، އެއީ ޓެސްލާ ކުންފުނީގެ 11.5 މިލިއަން ހިއްސާގެ އަގަށްވާ އަދަދެވެ. ނަމަވެސް އެހީ ދިނީ ކޮން ޗެރިޓީއަކަށް ކަމަށް ހާމަކޮށްފައެއް ނުވެ އެވެ.
މިދިޔަ އަހަރު އެންމެ މުއްސަނދި މީހާގެ މަގާމުން ދެވަނަ އަށް ވެއްޓުނު ޓެސްލާ އާއި ސްޕޭސް އެކްސްގެ އިތުރުން ޓްވިޓާ ފަދަ ކުންފުނިތަކުގެ ވެރިޔާގެ މިިހާރުގެ މިލްކިއްޔާތަކީ 197 ބިލިއަން ޑޮލަރެވެ. އީލޮން މިދިޔަ އަހަރު ޓްވިޓާ ބައްލަވައިގަތީ 44 ބިލިއަން ޑޮލަރަށެވެ.
މިދިޔަ އަހަރު ޚައިރާތަށް އެންމެ ބޮޑު ހޭދައެއްކުރީ އެފަދަ އެހީތައް ދިނުމުގައި ނަމޫނާ މަހުޖަނު، ބިލް ގޭޓްސް އެވެ. އޭނަ މިދިޔަ އަހަރު ޚައިރާތަށް 5.1 ބިލިއަން ޑޮލަރު ހޭދަކޮށްފައިވެ އެވެ. ތިން ވަނައިގައި އޮތީ 1.7 ބިލިއަން ޑޮލަރު ހޭދަކުރި މައިކަލް ބްލޫމްބާގެވެ.