ނޯރާ ފަތުހީ ބަތަލާއަކަށް ނަގައިގެން ބޮލީވުޑްގެ އެކްޓަރު ކުނާލް ކޭމޫ ލިޔެ، ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "މަދުގާއޯ އެކްޕްރެސް" ގެ ޝޫޓިން ނިންމާލައިފި އެވެ.
ނޯރާ އަކީ ނެށުމުގެ ހުނަރު ދައްކާލައިގެން އާންމުންގެ ސަމާލުކަން ހޯދި ބަތަލާއެކެވެ. ބޮލީވުޑްގެ މިހާރުގެ އެންމެ މަޝްހޫރު "އައިޓަމް ގާލް" ގެ ގޮތުގައި ފާހަގަކޮށްލެވޭ ނޯރާ މިހާތަނަށް ފިލްމުތަކުން އާންމުކޮށް ފެންނަނީ ހާއްސަ ލަވަތަކާއި ސަޕޯޓިން ރޯލުތަކުންނެވެ. ނަމަވެސް "މަދުގާއޯ އެކްސްޕްރެސް" އަކީ އޭނަ ލީޑް ބަތަލާގެ ރޯލު ފެންނާނެ އެއްޗެކެވެ.
މީގެ ޝޫޓިން ނިންމައިލި ވާހަކަ ފިލްމުގެ ޓީމާ އެކީ ނަގާފައިވާ ފޮޓޯތަކަކާ އެކީ ނޯރާ އިންސްޓަގްރާމްގައި ވެސް ހިއްސާކޮށްފައިވެ އެވެ.
"މަދުގާއޯ އެކްސްޕްރެސް" އަކީ ފަރުހާން އަޚްތަރާއި ރިތޭޝް ސިދުވާނީގެ، އެކްސަލް އެންޓަޓައިންމަންޓުން ޕްރޮޑިއުސްކުރާ ފިލްމެކެވެ. މީގެ ކާސްޓްގައި ޕްރަތީކް ގާންދީ އާއި ދިވްޔެންޑޫ ޝަރުމާގެ އިތުރުން އަވިނާޝް ތިވާރީ ވެސް ހިމެނެ އެވެ.
އެކްޓަރު ސައިފް އަލީ ޚާންގެ ކޮއްކޮ އަދި ބަތަލާ ސޯހާ އަލީ ޚާންގެ ފިރިމީހާ ކުނާލް، 39، ޑައިރެކްޝަނަށް ނުކުންނަކަން އިއުލާންކުރީ މިދިޔަ އަހަރުގެ އޮގަސްޓްގަ އެވެ. އޭނަ އަކީ ވަރަށް ކުޑައިރުން ފެށިގެން ފިލްމީ މަސައްކަތްކުރަމުން އަންނަ ފަންނާނެކެވެ. ކުނާލް މި ފަަހުން ފެނިފައިވާ ފިލްމުތަކުގެ ތެރޭގައި "މަލަންގް"، "ލޫޓްކޭސް"، "ކަލަންކް" އަދި "ގޯލްމާލް އެގެއިން" ހިމެނެ އެވެ.
ކުނާލް ކުޑައިރު ކުޅުނު ފިލްމުތަކުގެ ތެރޭގައި އާމިރު ޚާންގެ "ހަމް ހެ ރަހީ ޕިޔާރު ކޭ" އާއި "ރާޖާ ހިންދުސްތާނީ" އަދި އަޖޭ ދޭވްގަންގެ "ޒަހަމް" ހިމެނެ އެވެ.
ނޯރާ އަށް ބޮޑު ރޯލެއް ކުޅެން ލިބިފައިވާ ފިލްމުތަކުގެ ތެރޭގައި ސާޖިދު ޚާން މިދިޔަ އަހަރު އިއުލާންކުރި "100 ޕަސެންޓް" ހިމެނެ އެވެ. މީގެ ކާސްޓްގައި ޖޯން އަބްރަހަމާއި ރިތޭޝް ދޭޝްމުކްގެ އިތުރުން ޝެހެނާޒް ގިލް ސަނާ) ވެސް ހިމެނެ އެވެ.