Last Updated: April 25, 18:52
Thursday, April 25, 2024
ޚަބަރު

ކުށްކޮށްގެން ހޯދާ ފައިސާ ނެގޭނެ ގޮތް ގާނޫނުގައި ނެތް

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ޤާނޫނަކުން ނައްސުން ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފާޅުކޮށްފި އެވެ.

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ އޭސީސީން އިސްނަގައިގެން ކުރިއަށްގެންދިޔަ ދިރާސާ ނިންމައި، ރިޕޯޓު ރޭ ވަނީ އާންމުކޮށްފަ އެވެ.

މި ދިރާސާގައި ބަލާފައިވަނީ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ އަނބުރާ ހޯދުމަށް ދިވެހިރާއްޖޭގައި އެކަށައެޅިފައިވާ ނިޒާމުތަކާއި ޤާނޫނީ އޮނިގަނޑު އޮތް ގޮތާއި އެކަމުގައި ހުރި މައްސަލަތަކުގެ މައްޗަށެވެ.

އޭސީސީން ބުނީ މި ދިރާސާގެ މައިގަނޑު މަޤްޞަދަކީ ކުށްކުރުމުގެ ސަބަބުން ދަޢުލަތުން ގެއްލިގެންދާ މުދަލާއި ފައިސާ ދަޢުލަތަށް އަނބުރާ ހޯދުމުގެ ނިޒާމު ރާއްޖޭގައި އޮތްގޮތް ދެނެގަތުމުގެ ގޮތުން، އެ ނިޒާމުގެ މުއައްސަސީ އޮނިގަނޑާއި ގާނޫނީ އޮނިގަނޑު އޮތްގޮތް ދިރާސާކޮށް، މި ނިޒާމުގައި ހުރި މައިގަނޑު މައްސަލަތައް ދެނެގަނެ، އެފަދަ މައްސަލަތައް ޙައްލުކުރުމަށް، އިތުރަށް ރަނގަޅުކުރަންޖެހޭކަމަށް ފެންނަ ކަންކަން ފާހަގަކޮށް އިރުޝާދާއި ލަފާދިނުން ކަމަށެވެ.

މި ދިރާސާއިން ފާހަގަކުރެވުނު ކަންތައްތަކުގެ ތެރޭގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ކޮރަޕްޝަނުގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނީ، ކޮރަޕްޝަންގެ ކުށް ކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ޤާނޫނަކުން ކަނޑައެޅިގެން ބަޔާންކޮށްފައިވާނަމަ ކަމުގައިވީނަމަވެސް، މިވަގުތު ކޮރަޕްޝަންގެ ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގޭނެކަން ޤާނޫނަކުން ނައްސުން ކަނޑައެޅިގެން ބަޔާންކޮށްފައި ނުވާކަން ފާހަގަކުރެވެ އެވެ. އަދި އެސެޓް ރިކަވަރ ކުރުމަށް ވަށާޖެހޭ ޤާނޫނެއް ނެތުމުން ދިމާވާ ގޮންޖެހުންތައް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

ދިރާސާއިން ފާހަގަކުރެވުނު މައްސަލަތައް ހައްލުކުރުމަށް ނިޒާމަށް ގެންނަން ފެންނަ މައިގަނޑު 8 ލަފާ މި ދިރާސާ ކަރުދާހުގައި ހުށަހަޅާފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެ އެވެ.