މާލޭގެ އޮލިމްޕަސް ސިނަމާ ބޮޑެތި ބަދަލުތަކާ އެކީ މިހާރު ހުޅުވާފައިވާތީ އެތަނުގައި ބޭރުގެ ފިލްމުތަކެއް ވެސް ދަައްކަން ނިންމައިފި އެވެ.
މި މަހުގެ 4 ގައި އޮލިމްޕަސް ހުޅުވުމަށް ފަހު، އެތަނުގައި މި މަހުގެ 6 އިން ފެށިގެން ދައްކަމުން އަންނަނީ ޑާކް ރެއިން އެންޓަޓައިންމަންޓްގެ "ބީވީމާ" އެވެ.
މި ފަހުން އޮލިމްޕަހަކީ ދިވެހި ފިލްމުތަކަށް ހާއްސަ ސިނަމާއަކަށް ވިޔަސް 1970-1990 ގެ ތެރޭގައި އެ ސިނަމާގައި ބޭރުގެ ފިލްމުތައް ވެސް ދެއްކި އެވެ. ހާއްސަކޮށް އެ ދުވަސްވަރެއްގައި އެންމެ މަގުބޫލު ހިންދީ ފިލްމުތައް އޮލިމްޕަހުގައި އަޅުވާފައިވެ އެވެ.
އެ ޓްރެންޑް އަލުން އޮލިމްޕަހަށް ގެންނަން ނިންމައި އެތަނުގައި ބޭރުގެ ފިލްމުތައް އަޅުވަނީ ސްޓާ ސިނަމާ ކިޔާ ކުންފުންޏަކުންޏެވެ. އެގޮތުން މާދަމާ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކި ހިސާބުތަކުގައި ޕްރީމިއާކުރާ ބޮލީވުޑްގެ ތަރި ކާތިކް އާރިއަންގެ "ޝެހެޒާދާ" މާދަމާ ހަވީރު އޮލިމްޕަހުގައި ދައްކަން ނިންމައި، މިހާރު އަންނަނީ ޓިކެޓް ބުކްކޮށް ދެމުންނެވެ. އަދި މި ނަމްބަރަށް 7201199 ގުޅައިގެން ވެސް ބުކިންސް ހެދޭނެ އެވެ. ޓިކެޓްގެ އަގަކީ 130ރ. އެވެ.
"ޝެހެޒާދާ" ޝޯތައް އޮލިމްޕަހުގައި ކުރިއަށް ގެންދަން ނިންމާފައި ވަނީ މާދަމަ އިން ފެށިގެން މި މަހުގެ 26 އާ ހަމައަށެވެ.
ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނާނެ ދިވެހި ފިލްމަކީ ކުރިއަށް އޮތް ރޯދަ މަސް ނިންމާލައި މެއި 3 ގައި އަޅުވަން ހަމަޖެހިފައިވާ އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އެވެ.