އައްޑޫ ގަން އެއާޕޯޓް އިތުރަށް ޕްރައިވެޓައިޒް ކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
މި މައްސަލާގައި ސަރުކާރުގެ ވިސްނުން ހާމަކޮށްފައި މި ވަނީ އައްޑޫގެ ބައިނަލްއަޤްވާމީ ޕޯޓްތައް ޕްރައިވެޓައިޒް ކުރުމަށް، ރައްޔިތުންގެ މަޖިލީހަށް ހިތަދޫ މެދު ދައިރާގެ މެންބަރު އަހުމަދު ރަޝީދު ޤަރާރެއް ހުށަހަޅުއްވާފައިވާ ދަނޑިވަޅެއްގައެވެ. އެ ގަރާރު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ރަޝީދެވެ.
ޤަރާރުގައި ބުނީ އައްޑޫ ސަރަހައްދުގެ ޓޫރިޒަމް ތަރައްގީ ކުރުމަަށާއި އަދި އެ ޒޯންގައި ހިމެނޭ އެހެން އަތޮޅުތައް ހިމެނޭ ގޮތަށް ހަބެއްގެ ގޮތުގައި ތަރައްގީ ކުރެވޭނީ އައްޑޫ އެއާޕޯޓާއި އައްޑޫ ރީޖަނަލް ސީޕޯޓް ތަަރައްގީކޮށް އެއާޕޯޓާއި ހިތަދޫ ސަރަހައްދީ ބަނދަރު ޓޫރިޒަމް ކަނެކްޓިވިޓީ އިތުރަށް ތަރައްގީކޮށްގެން ކަމަށެވެ.
ގަރާރުގައި ފާހަގަކޮށްފައިވާ ގޮތުގައި އެއާޕޯޓާއި ސަރަހައްދީ ބަނދަރު ތަރައްގީ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ އިރު އެއާޕޯޓް ތަރައްގީގެ ތެރޭގައި ފަޔާ ސްޓޭޝަން ބިލްޑިން ހެދުމާއި ޑޮމެސްޓިކް ޓާމިނަލްއާއި އަދި އިންޓަނޭޝަނަލް ޓާމިނަލް ހެދުމާއި އެއާޕޯޓް އެކްސެސް ރޯޑް ހެދުން ހިމެނެ އެވެ.

ސަރުކާރުގެ މަސައްކަތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް ކޮންމެ ހަފުތާ އަކު ރައީސް އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ނޫސްވެރިއަކު އެކަމާ ގު ޅޭގޮތުން ސުވާލު ކުރުމުން، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އައްޑޫ އެއާޕޯޓް މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އަދި ޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް އެމްޕީއެލްއިން ކުރިއަށް ގެންދަވާކަން މިއުވާން ފާހަގަ ކުރެއްވިއެވެ.
"މިހާރު ވެސް އެއާޕޯޓުގެ ހިންގާކުންފުނީގެ ހިއްސާދާރެއްގެ ގޮތުގައި ޕްރައިވެޓް ޕާޓީއަކުން [ޝެއާހޯލްޑަރެއްގެ] ގޮތުގައި އެބަ ހަރަކާތްތެރިވޭ." މިއުވާން ވިދާޅުވިއެވެ. "އެހެންވީމަ އިތުރަކަށް ޕްރައިވެޓައިޒް ކުރުމުގެ ޕްލޭނެއް މި ވަގުތަކަށް ނެތް."
ގަން އެއާޕޯޓް ޕްރައިވެޓައިޒް ކުރުމާ ގުޅޭ ގޮތުން ޤަރާރެއް ހުށަހެޅިފައިވާއިރު، މިފަހުން ކުރިއަށް ދިޔަ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވަން ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫއަށް ވަޑައިގެންނެވިއިރު އެއާޕޯޓް ތަރައްޤީ ކުރަން އެންމެ ރަނގަޅު ގޮތަކީ ޕްރައިވެޓައިޒްކޮށްގެން ކަމަށް ވިދާޅުވެފައިވެ އެވެ.