އައްޑޫ ހިތަދޫ ސްޓޭޑިއަމުގެ އިރުމަތީ ފަރާތުގައި އޮތް ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ދާދި އަވަހަށް އިއުލާން ކުރެވިގެން ދާނެ ކަމަށް ކައުންސިލުން ބުނެފިއެ ވެ.
ކައުންސިލުން މިކަން ހާމަކޮށްފަ އިވަނީ، ހިތަދޫގެ އެފްސީ ސްޕްރިންޓް ޓީމާ އެކު ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައެވެ. ސްޕްރިންޓް ޓީމަކީ މިދަނޑު ބޭނުން ކުރާ ޒުވާނުންގެ ޓީމެވެ. މިއީ މިހާރު ހިތަދޫގައި ބޭނުން ކުރަމުންދާ މަދު ވެލި ދަނޑުގެ ތެރެއިން ދަނޑެކެވެ. މި ބައްދަލުވުމުގައި މޭޔަރު އަލީ ނިޒާރާއި އަދި ބައެއް އެހެން ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ، ކައުންސިލުން ފުރަތަމަ ވިސްނުން ހުރީ ވެލި ދަނޑު އާދެއްގެ ގޮތަކަށް ނިންމައި ބޭނުންކުރެވޭ ގޮތަށް ހެދުމަށް ކަމަށް ވިދާޅުވިއެވެ. ނަމަވެސް މި ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީ ކުރުމަށް ޔޫތު މިނިސްޓްރީގެ އިޝާރާތެއް މިހާރު ލިބިފައިވުމުން، ދަނޑުގެ މަސައްކަތް ދެން ކުރިއަށްދާނީ ރަނގަޅު ފެންވަރެއްގައި ކަމަށް ކައުންސިލުން ހާމަކުރިއެވެ.
މިގޮތުން ޓާފް އަޅައި ޑްރެއިނޭޖް ތައްޔާރުކޮށް ރޭގަނޑުވެސް ބޭނުން ކުރެވޭ ގޮތަށް ލައިޓްވެސް ޖަހާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މިއީ މިނިސްޓްރީ އެއްބާރުލުމާއި އެކު ކުރެވޭ މަސައްކަތަކަށް ވުމުން، ދާއިމީ ގޮތަކަށް ދަނޑު ބޭނުން ކުރެވޭ ގޮތަށް މަސައްކަތް ރޭވުމަށް ސިޓީ ކައުންސިލުން މިހާރު ނިންމާފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު މި ސަރަހައްދުގެ ޒުވާނުން ބޭނުން ކުރަން ދަނޑު ރަނގަޅު ފެންވަރުގައި ތަރައްޤީކޮށްދޭނެ ކަމަށް އޭރު ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެކި ސަބަބުތަކާއިއެކު މަސައްކަތް ލަސްވި ނަމަވެސް، މިހާރު މިނިސްޓްރީ އިސްނެގުމުގެ މަތިން ދަނޑު ރަނގަޅު ފެންވަރަކަށް ތަރައްޤީވެގެން ދިއުމަކީ ޒުވާނުންގެ ބޮޑު އުއްމީދެކެވެ.