ތުރުކީ އާއި ސީރިއާގެ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމަށް 260 ގަޑިއިރު ވީ ފަހުން ތުރުކީގައި ބިމާ ހަމަވި އިމާރާތެއްގެ ދަށުން 12 އަހަރުގެ ކުއްޖަކު ދިރިހުއްޓާ ސަލާމަތްކޮށްފި އެވެ.
ތުރުކީގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން މި ފިރިހެން ކުއްޖާ ސަލާމަތްކޮށްފައިވަނީ އެގައުމުގެ ހަޓޭ ޕްރޮވިންސްގައި ބިމާ ހަމަވި އިމާރާތެއްގެ ދަށުންނެވެ. އެ ކުއްޖާ ވަނީ ވަގުތުން އިތުރު ފަރުވާ އަށް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
ބިންހެލުމުގައި ތުރުކީގެ 50،000 އަށް ވުރެ ގިނަ އިމާރާތްތައް ބިމާ ހަމަވިއިރު މިހާތަނަށް އިމާރާތްތަކުގެ ދަށުން ދިރި ތިއްބާ 8،000 އަށް ވުރެ ގިނަ މީހުން ވަނީ ސަލާމަތްކޮށްފަ އެވެ. އިމާރާތްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރަމުންނެވެ. އެގޮތުން 10 ދުވަސް ފަހުން އިއްޔެ އިމާރާތެއްގެ ދަށުން 17 އަހަރުގެ އަންހެން ކުއްޖަކު ވެސް ވަނީ ސަލާމަތްކޮށްފަ އެވެ.
ތުރުކީން މިހާތަނަށް ބިންހެލުމުގައި 38،044 މީހުން މަރުވެފައިވާއިރު ސީރިއާ އިން މަރުވި މީހުންގެ އަދަދު ވަނީ 6،000 އާއި ގާތްކޮށްފަ އެވެ.
ބިންހެލުމާ ގުޅިގެން ސީރިއާގެ 5.3 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާއިރު ތުރުކީ އާއި ސީރިއާ އިން ޖުމްލަ 900،000 މީހުން ކާތަކެއްޗަށް ޖެހިފައިވާ ކަމަށް އ.ދ އިން ހާމަކުރެ އެވެ.