ޔޫރޮޕާ ލީގުގެ ނޮކައުޓްގެ ޕްލޭ އޮފް ބުރުގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
ބާސާގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައި ނުވި ނަމަވެސް މި ހާފުގައި ދެ ޓީމަށް ވެސް ލީޑު ނަގަން ފުރުސަތުތައް ލިބިގެން ގޮސްފައިވެ އެވެ. އެގޮތުން ބާސާގެ ރޮބަޓް ލެވެންޑޯސްކީ ފޮނުވާލި ހަމަލާއެއްގެ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ދިފާއުކުރިއިރު ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ރަފީނިޔާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ.
މި ހާފުގައި ގޯލެއް ކާމިޔާބު ކުރަން ޔުނައިޓެޑަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެޓީމުގެ ފޯވާޑް ވެގޯސްޓަށެވެ. އެގޮތުން ބާސާގެ ޕެނަލްޓީއޭރިއާ ތެރެއަށް މުޅިން ހުހަށް ވަދެ އޭނާ ފޮނުވާލި ހަމަލާ މަތަކުރީ ބާސާގެ ގޯލްކީޕަރު ޓާ ސްޓޭގަން އެވެ.
މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ބާސާ އިންނެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓްގައި މާކޮސް އޮލޮންސޯ މި ގޯލު ކާމިޔާބުކުރީ ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުންނެވެ. ބާސާ އިން ލީޑު ނެގިތާ ދެ މިނެޓް ފަހުން މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ބާސާގެ ޕެނަލްޓީއޭރިއާގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ.
މެޗުގެ 59 ވަނަ މިނެޓްގައި ޔުނައިޓެޑުން ނަތީޖާ އަނބުރާލި އިރު މި ގޯލަކީ ބާސާގެ ޑިފެންޑަރު ޖޫލްސް ކޫންޑޭ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ބާސާ އަށް ނަތީޖާ އެއްވަރުކޮށްދިން ގޯލު މެޗުގެ 76 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ރަފީނިޔާ އެވެ.
މެޗުގެ ފަހު ވަގުތުކޮޅުތެރޭ ލީޑު ނަގަން ބާސާ އިން މަސައްކަތް ކުރިއިރު އެޓީމުގެ އަންސޫ ފާޓީ އަދި ގަވީ ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ.
ބާސާ އާއި ޔުނައިޓެޑް ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އެވެ.