އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ރަސްމީކޮށް އެރުވުމުގެ ޖަލްސާ މިރޭ ބާއްވަން ތައްޔާރުވެއްޖެ އެވެ.
މި ޖަލްސާ އޮންނާނީ މިރޭ 8:30 ގައި ކާނިވާ ސަރަހައްދުގަ އެވެ. އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި މި ޖަލްސާގައި 10،000 އެއްހާ މީހުން ބައިވެރިވާނެ އެވެ.
ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވަން ރައީސް ސޯލިހު ޓިކެޓް ކަށަވަރުކުރެއްވީ މިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ވާދަކުރައްވައި ބޮޑު ތަފާތަކުންނެވެ. ޕްރައިމަރީގެ ދާއިމީ ނަތީޖާތައް ދައްކާ ގޮތުން ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ.
MDPge candidate ah Riyaasee Ticket havaalu kurumah baavvaa jalsa maadhamaa rey 8:30 gai Carnival Sarahahdhugai. MDP ge lobuvethi memberunnaai mi party ah thaaeedhu kurahvaa emmehaa beyfulhunnah dhauvathu aruvan.#Ibu2023 pic.twitter.com/8AhYcY97KM
— MDP Secretariat (@MDPSecretariat) February 16, 2023
ރައީސަށް މިރޭ ރިޔާސީ ޓިކެޓް ހަވާލުކުރަން އެމްޑީޕީން ތައްޔާރީތައްވަމުން އަންނަ އިރު، ޕްރައިމަރީ ބާތިލުކޮށްދޭން ނަޝީދަށް ތާއިދުކުރާ ޕާޓީގެ މެމްބަރަކު އޮތީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
ނަޝީދު މިހާރު ގެންދަވަނީ "ފިކުރެއްގެ ދިރުން" ގެ ނަމުގައި އެމްޑީޕީގެ ތެރޭގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވަން މަސައްކަތްކުރައްވަމުންނެވެ. އަދި އެކަމަށް ސަޕޯޓަރުން ލައްވައި އަންނަނީ ސޮއިކުރުވަމުންނެވެ. މިކަމާ ގުޅިގެން ރައީސް ސޯލިހަށް ތާއީދުކުރާ ގިނަ މެމްބަރުންގެ ފާޑިކިޔުންތައް ނަޝީދަށް އަމާޒުވެފައިވެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބި ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު 9 ގަ އެވެ.