ރިއާސީ އިންތިހާބްގެ ކެމްޕެއިން އެންމެ ފޯރިގަދަ ދުވަސް ކޮޅެވެ. އޮގަސްޓް 31، 2013އެވެ. މިހާރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އައްޑޫއަށް ވަޑައިގެން ބުރަކޮށް ކެމްޕެއިން ކުރައްވަމުން ގެންދެވިއެވެ.
އަޑަށް ބާރުލައްވާފައި އެމަނިކުފާން ވިދާޅުވަމުން ގެންދެވީ"އައްޑޫ ތަރައްޤީ ކުރައްވާނީ އަޅުގަނޑެވެ".
ރައީސް ޔާމީންގެ ވެރިކަމަށް 8 މަސް ފުރެމުން އަންނަ އިރު އައްޑޫގެ ތަރައްޤީއަށް އެމަނިކުފާނަށް ކޮށްދެވުނީ ކޮން ކަމެއްތޯ ސުވާލު އުފެދެއެވެ.
ހިތަދޫ ގްލޯބަލް ލިންކްސް ފިހާރަ ކައިރީ ހުޅުވި "ފަހި 13" އަންހެނުންގެ ޖަގަހަ ހުޅުއްވުމުގެ ރަސްމިއްޔާތުގައި ޔާމީން ވިދާޅުވީ "އައްޑޫގެ ތަރައްގީ އަށް އެންމެ ވަރުގަދަ އަށް މަސައްކަތް ކުރާނެ މީހަކީ އަޅުގަނޑު. ތަރައްގީގެ މަޝްރޫއުގައި އިގުތިސާދީ މެނިފެސްޓޯ މިރޭ އިއުލާންވެގެންދާ އިރު އަޅުގަނޑުމެންގެ މެނިފެސްޓޯއާ ކައިރި އަށް އާދެވޭނެ ޕާޓީއެއް ނޫޅޭނެ،".
ޕީޕީއެމްއިން ބޮޑު އިގްތިސާދީ މެނިފެސްޓޯއެއް ވަނީ އިއްލާން ކޮށްފައެވެ. އޭގެ ފަހުން ރައީސް ޔާމީންގެ ސަރުކާރުން ސިންގަޕޫރުގައި ބޮޑު އިންވެސްޓް ފޯރަމެއް ބާއްވައިފިއެވެ. ފޯރަމް ނިމުނު އިރު އައްޑޫގެ ތަރައްޤީއާއި ގުޅުން ހުރި އެއްވެސް ވާހަކައެއް ނީވުނެވެ.
އެމަނިކުފާން ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރުވެސް ގަމުގެ ވައިގެ ބަނދަރު ތަރައްޤީގެ މަސައްކަތްވަނީ ފެށިފައެވެ. ސަރުކާރުގެ 70 ޕަސެންޓް ހިއްސާވާ ކުންފުންޏަކުން އެއާޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު ޕްރޮޖެކްޓަށް ބޭނުންވާ ފައިސާގެ ބޮޑު ބައި ހަމަ ނުޖެހެއެވެ. އެކަމަކު މުޅި ފޯރަމްގައި ގަމުގެ ވައިގެ ބަނދަރު މަޝްރޫއު ހިންގަން ޝައުގުވެރިވާ ބަޔަކު ހޯދަން މަސައްކަތެއް ނުކުރެވެއެވެ.
ނަމަވެސް ޔާމީން ވިދާޅުވެފައިވަނީ "އައްޑު އަތޮޅުގެ ތަރައްގީ އަކީ މާލެ ސަރަހައްދު ނަގާފައި އަޅުގަނޑަށް ގަބޫލްކުރެވޭ ގޮތުގައި އެންމެ ވަރުގަދަ އަތޮޅު ތަރައްގީކުރަން. މި އަތޮޅަށް ތަރައްގީ ޔަގީން. އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ދާއިރާ ފަހަނައަޅައި އެހެން ދާއިރާއަކަށް ތަރައްގީއެއް ނުދާނެ."
ގަމުގެ ވައިގެ ބަނދަރުގެ މަސައްކަތް "ފިނހަކަ ދުވެލީގައި" ކުރިއަށް އެބަދެއެވެ. ސަރުކާރުގެ އެއްވެސް ބެލެހެއްޓުން ތެރިކަމެއް ނެތި މަޑުމަޑުން ކުރިއަށްދަނީއެވެ. އެކަމަކު އެއީ އައްޑޫ އާއި ދެކުނުގެ ތަރައްޤީގެ މައި ހަބެވެ.
މިހާރު ރައީސުލް ޖުމްހޫރިއްޔާގެ ނާއިބް ޑރ. މުޙައްމަދު ޖަމީލު އަޙުމަދު ކެމްޕޭން ދަތުރު ފުޅެއްގައި 10 ޖޫން 2013 ގައި، ފޭދޫގައި ވިދާޅުވެފައި ވަނީ އައްޑުއަތޮޅަކީ ޕީޕީއެމްގެ ސަރުކާރެއްގައި ސަރަޙައްދީގެ ތަރައްޤީގައި ދެކުނު ތަރައްޤީގެ މައި މަރުކަޒު ކަމަށް ހައްދަވާނެ ކަމަށެވެ.
ނާއިބް ރައީސް 15 ސެޕްޓެމްބަރު 2013 ވަނަ ދުވަހު ވަނީ އައްޑޫ އަތޮޅުގައި 5،000 އެނދު ތަރައްޤީ ކުރައްވާނެކަމަށް ވަޢުދު ވެވަޑައިގަންނަވާފައެވެ.
"އައްޑޫގަ މިހާރު ތަރައްގީވެފަ ހުރި ރިސޯޓްތަކުގެ އިތުރުން އައްޑޫގެ މި ބައްރުގެ މި ހިސާބުގަނޑުގައި ހިތަދޫގަ އާއި އަދި މި ސަރަހައްދުގަ ހުރި އަޅުގަނޑުމެންނަށް ފެންނަން ހުރި ޖާގައިގެ ތެރެއިން އިރާދަކުރެއްވިއްޔާ އިތުރު ރަށެއް އުފައްދައިގެން ނަމަވެސް، މަދުވެގެން 5،000 ފަތުރުވެރިންނަށް ޖާގަ ލިބޭ ފަދަ ގޮތަކަށް އަޅުގަނޑުމެން އައްޑޫގައި ފަތުރުވެރިކަން ތަރައްގީ ކުރާނަން." ޑރ. ޖަމީލް ވިދާޅުވި އެވެ.
ނިމިގެން ދިޔަ ޖޫން މަހު "އައްޑޫލައިވް"އަށް ދެއްވި އިންޓަވިއުއެއްގައި ޓޫރިޒަމް މިނިސްޓަރ އަހްމަދު އަދީބް ވިދާޅުވީ އައްޑޫގެ ފަތުރުވެރިކަމުގެ ޕްލޭން، ޖޫން މަހުގެ ތެރޭގައި ލޯންޗް ކުރައްވާނެކަމަށެވެ. އަދި އެމަސައްކަތާއި ގުޅިގެން އެމަނިކުފާން އައްޑޫއަށް ޒިޔާރަތްކޮށް އައްޑޫން ފަތުރުވެރިކަން ކުރިއެރުވޭނެ ތަންތަން އަމިއްލައަށް ބައްލަވާ ލައްވާނެކަމަށެވެ. ޖޫން މަސް ވެސް ފާއިތުވެ ދިޔައީއެވެ. އެ ޕްލޭނެއްގެ ހަބަރެއް ނެތެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްތައް ފާއިތުވަމުން އަންނަ އިރު ނަޝީދުގެ ސަރުކާރުން އައްޑޫގައި ބިނާ ކުރެއްވި ކޮންވެންޝަން ސެންޓަރު ބާ ދަނގަޑަށް ވަނީ ބަދަލުވެފައެވެ. އެތަނުގެ ތަރައްޤީއަށް އެއްވެސް މަަސައްކަތެއް ސަރުކާރަކުން ނުކުރެއެވެ.
އޭއެފްސީ ޗެލެންޖް ކަޕް ބޭއްވުމަށް ހިތަދޫ ޒޯން ސްޓޭޑިއަމް ތަރައްޤީ ކޮށްފައިވަނީ "އަމާ ބުނީތީ ފަރަށްދާ" އުސޫލުންނެވެ. އެތަނަށް ބޭނުންވާ ދާއިމީ ލައިޓް ޖަހާނެކަމަށް ބުނުން ފިޔަވައި އިތުރު ކަމެއް ނެތެވެ.
ޔާމީން ސަރުކާރުގެ ފުރަތަމަ އަހަރު ނިމެން ކުޑަތަންވެފައިވާ އިރު ހިތަދޫގައި އިމާރާތް ކުރަން ބުނި މަސް ފެކްޓަރީގެ އަޑެއް ނީވެއެވެ. އެންމެ ފަހުން މަޖްލިސް އަށް ފިޝަރީޒް މިނިސްޓަރު ހާޒިރު ކުރުމުން ވިދާޅުވީ ބިން ހަމަ ނުޖެހޭ ކަމަށެވެ. އެކަމަކު މަސް ފެކްޓަރީއަށް ހިތަދޫ އާރްއޭފް ސަރަހައްދުން ބިން ހަމަޖެއްސިތާ އެތައް ދުވަހެއް ވެއްޖެއެވެ.
ސަރަހައްދީ ބަނދަރު އަދިވެސް އޮތީ ކުރިންވެސް އޮތް ގޮތަށެވެ. ނަމަވެސް ބަނދަރުގެ ބޯޑު ވަނީ ބަދަލުވެފައެވެ. އާ ހޮސްޕިޓަލް ޑިޒައިން ކުރުމަށް ހަވާލުކޮށްފައިވާ އިރު އެމަސައްކަތް ކުރާނެ ކަމުގެ އިޝާރާތެއް ނުފެނެއެވެ. މިހާރު އޮތީ ހޮސްޕިޓަލް އަޅާ ބިމުގެ ބަހުސްއެވެ.
އައްޑޫ ރައްޔިތުން ބޭނުންވަނީ އިގްތިސާދީ ތަރައްޤީއެވެ. ރަށުގައި ތިބެގެން އާމްދަނީ ލިބޭނެ ވަޒީފާތަކެވެ. ނަމަވެސް އަދި އެއިން ކަމެއްގެ ހިލަމެއް ނުފެނެއެވެ.
އެހެންވެ ރައީސް ޔާމީންގެ އައްޑޫ ތަރައްޤީ ޕްލޭން އަކީ ކޮބައިކަން އަދި ނޭގެއެވެ. ގިނަ ސިޔާސީ ފަރާތްތަކުން ބުނަމުންދަނީ މި ސަރުކާރަކުން އައްޑޫގެ ތަރައްޤީއަށް ކަމެއް ކޮށް ނުދޭނެކަމަށެވެ. އޭގެ ބަދަލުގައި އައްޑޫ އިތުރަށް ވީރާނާ ކޮށް އައްޑޫ ރައްޔިތުން މާލެ ގެންދާނެ ރަނގަޅު ޕްލޭނެއް އެމަނިކުފާންގެ އޮންނާނެކަމަށެވެ.
އެކަމާއި ގުޅުން ހުރި ވާހަކަފުޅެއްވެސް އެމަނިކުފާން ވަނީ ވިދާޅުވެފައެވެ. މޭއި 18 ވަނަ ދުވަހުގެ ރޭ ފޭދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ޖަލްސާގައި އެމަނިކުފާން ވިދާޅުވީ ފުރުސަތުތައް އޮތް ކޮންމެ ދިމާލަކަށް ރައްޔިތުން ދާން ވީކަމަށެވެ. ވަކި ތަނެއްގައި ތިބުމަށް މަޖްބޫރު ނޫން ކަމަށެވެ.
ނުރަސްމީ ގޮތަކަށް ސަރުކާރުން ވަނީ ހުޅުމާލެއަށް ނުވަތަ މާލެ އަށް އައްޑޫ ރައްޔިތުން ދިއުމަށް ދައުވަތުދީފައެވެ. ސަރުކާރުގެ މުޅި ވިސްނުން ހުރީ ރައްޔިތުންނަށް ބޭނުންވާ ކަންކަން އައްޑޫގައި ފަހި ކޮށް ދިނުމުގެ ބަދަލުގައި މާލެ ސަރަހައްދުގައި އެކަން ކަން ގާއިމް ކުރުމަށެވެ.
އައްޑޫގެ ތަރައްޤީއަށް ގަލެއް ބާއްވާލިއަސް މާލޭގައި ދިރިއުޅޭ އައްޑޫ ރައްޔިތުން އެނބުރި ރަށައް އަންނާނެކަން ސަރުކާރަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެހެންވެ ސަރުކާރުން ދައްކާނީ "ހުސް ވާހަކަ"އެވެ. އަމަލީ މަސައްކަތެއް ނުކުރާނެއެވެ.
"އައްޑޫގެ ތަރައްޤީގެ ޕްލޭން" އަކީ މައުމޫންގެ ސަރުކާރުގައި އައްޑޫ އަތޮޅުގެ ގަމަށް ވެގެން ދިޔަ ގޮތް ނޫންބާވައެވެ؟