ރިޔާސީ އިންތިހާބަށް ކުރިމަތިލާން އެދި ހުށަހަޅާ މުއްދަތު އިތުރު ކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
އެ ކޮމިޝަނުން މިހާރު ނިންމާފައި ވަނީ މިކަމަށް މަގުފަހިކުރުމުގެ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމް ހުށަހެޅުމަށް އޮންނަ މުއްދަތު އިތުރުކުރުމަށްޓަކައި ޤާނޫނަށް އިސްލާހު ގެނައުމުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އީސީގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ގާނޫނަށް ބަދަލު ގެންނަން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެބަދަލު އަންނަ އޭޕްރީލް މަހުގެ ކުރިން ގާނޫނަށް އަންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އީސީން ބުނި ގޮތުގައި ގެންނަން ނިންމާފައިވާ އިންތިހާބުގައި ވާދަކުރަން އެދި ފޯމް ހުށަހަޅަން އޮންނަ މުއްދަތު 10 ދުވަހުން
14 ދުވަހަށް އިތުރުކުރުމެވެ. މިފަދަ ބަދަލެއް ގެންނަން ނިންމީ 10 ދުވަހުގެ މުއްދަތުގެ ސަބަބުން އިންތިހާބަށް ކުރިމަތިލާ މީހުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ގެނައުމުގެ ގޮތުންނެވެ.
މި އަހަރު ރިޔާސީ އިންތިހާބު ބާއްވަން ނިންމާފައި އޮތީ ސެޕްޓެމްބަރު މަހުގެ 9 ގަ އެވެ. އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 23 އިން އޯގަސްޓް 3 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވައިލަން އީސީން އޮތީ ނިންމައިފަ އެވެ.