ސިކުނޑީގެ ބައްޔެއް ތަހައްމަލުކުރަމުންދާތީ މީގެ އަހަރެއްހާ ދުވަސް ކުރިން އެކްޓިންއާ ދުރަށް ދިޔަ ހޮލީވުޑްގެ މަޝްހޫރު ތަރި ބުރޫސް ވިލިސް މިހާރު ޑިމެންޝިއާގެ ޝިކާރައަކަށްވެފައިވާ ކަމަށް ބުނެފި އެވެ.
"ޑައި ހާޑް" ފަދަ ކާމިޔާބު އެތައް ފިލްމުތައް ކުޅެފައިވާ 67 އަހަރުގެ އެކްޓަރު އަފޭޒިއާ އަށް ޑައިގްނޯޒްވިކަން އިއުލާންކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އެވެ. އެ ބަލީގެ ސަބަބުން ސިކުނޑި އަށް ކުރާ އަސަރުތަކާ ގުޅިގެން މުއާމަލާތްކުރުން ފަދަ ކަންކަމަށް ހުރަސްއެޅެ އެވެ. އަފޭޒިއާ އާންމުކޮށް ކުރިމަތިވަނީ ސްޓްރޯކެއް ޖެހުމާއި ސިކުނޑީގައި ޓިއުމަރެއް އުފެދުމުގެ އިތުރަށް ބޮލަށް ލިބޭ ސީރިއަސް ގެއްލުން ފަދަ ކަންކަމާ ގުޅިގެންނެވެ.
ވިލިސްގެ އާއިލާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ އަފޭޒިއާގެ ހާލަތު އިތުރަށް ގޯސްވެ، އޭނަ މިހާރު ޑިމެންޝިއާ ނުވަތަ ހަނދާން ބަލީގެ ޝިކާރައަކަށްވެފައިވާ ކަމަށެވެ. އެގޮތުން ވިލިސް މިހާރު ފްރޮންޓޮޓެމްޕޯރަލް ޑިމެންޝިއާ އެފްޓީޑީ) އަށް ޑައިގްނޯޒްވެ ސިކުނޑީގެ ހާލަތު ކުރިއަށް ވުރެ ބޮޑަށް ގޯސްވެފައިވާ ކަމަށް ބުންޏެވެ.
މިކަން ވިލިސްގެ ދަރިފުޅު ރޫމާ ވިލިސް ބައްޕަގެ ފޮޓޯއަކާ އެކީ އިންސްޓަގްރާމްގައި ވެސް މިކަންހިއްސާކޮށްފައިވެ އެވެ.
ފަސް އަންހެން ދަރިން ތިބި ވިލިސްގެ 12 ފިލްމެއް މިދިޔަ އަހަރު ރިލީޒްކުރި އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ނެރުނު "ޑިޓެކްޓިވް ނައިޓް: އިންޑެޕެންޑެސް" އެވެ. އަދި އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ މަހުގެ 31 އަށް ތާވަލުކޮށްފައި އޮތް "އެސަސިން" އެވެ.