Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ހައި ސެކިއުރިޓީ ޖަލު އަހަރުގެ މެދުތެތެރެއަށް ނިންމަނީ

ހަރުކަށި ފިކުރުގެ މީހުން ބައިތިއްބަން މާފުށީ ޖަލުގައި ހަދާ ހައި ސެކިއުރިޓީ ވިންގު މި އަހަރުގެ މެދުތެރޭގައި ނިމެނޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން އެސެސްކުރާނެ ޓޫލްސްތަކެއް ޑިވަލޮޕްކޮށް، އެ ފަރާތްތައް އެސެސްކޮށް އެހެން ގައިދީންނާ ވަކިން ބޭތިއްބެން އޮތް އެންމެ ބޮޑު މިންވަރަކަށް އެކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށެވެ.

"އެފަދަ ފަރާތްތަކުގެ ފަރާތުން ޖަލުގެ މުޅި ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތައް، މިއަދު ވެސް އެނގޭތޯ، ރޭގައި ވެސް އަޅުގަނޑުމެން ހަމަ ހޭލާ ތިބެންޖެހޭ އެތައް ހާދިސާތަކެއް ދިމާވި. އެފަދަ ފަރާތްތަކުގެ ފަރާތުން މުޅި ޖަލުގެ ނިޒާމަށް ކުރިމަތިވާ ގޮންޖެހުންތަކަށްޓަކައި،" އިމްރާން ވިދާޅުވި އެވެ. "އަޅުގަނޑުމެން އޭގެ ތެރެއިން އަރައިގަތުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން މިހާރު ހަމަ ސީދާ އެފަދަ ފަރާތްތައް ބައިތިއްބާނެ ހައި ސެކިއުރިޓީ ވިންގެއް މާފުށީ ޖަލު ޑިވަލަޕްކުރުމަށްޓަކައި އެ މަސައްކަތް ފެށިގެން މިހާރު ދަނީ ކުރިއަށް."

މިނިސްޓަރު ވިދާޅުވީ އުއްމީދަކީ މިއަހަރުގެ ޖޫން/ޖުލައި ހިސާބުގައި ހައި ސެކިއުރިޓީ ވިންގު ނިންމުން ކަމަށެވެ. އަދި އެތަން ޑިޒައިންކޮށްފައި ވަނީ ސިންގަޕޫރު ފަދަ، ގައިމުތަކުގައި ހަރުކަށި ފިކުރު މީހުން ގެންގުޅޭ ފަދަ ތަންތަން ޑިޒައިންކޮށްފައިވާ ގޮތްތައް ބަލައިގެން، ގައުމުތަކުގައި އެކަންކުރާގޮތަށް ބެލުމަށް ފަހުކަމަށެވެ.

"އަޅުގަނޑުމެން ސިންގަޕޫރަށް ގޮސް ބެލި ފެސިލިޓީގައި އެ ބޭފުޅުން އެ ފެސިލިޓީ ޑިވަލަޕްކޮށްފައި އޮތީ ސިންގަޕޫރުގެ ފަންސާސް މިލިއަން ޑޮލަރަށް. އަޅުގަނޑުމެންނަށް ލިބުނީ އަޅުގަނޑުމެންގެ ފެސިލިޓީ ޑިވަލަޕް ކުރަން 35 މިލިއަން ދިވެހި ރުފިޔާ،" އިމްރާން ވިދާޅުވި އެެވެ. "އެހެންވީމާ، އެ ބޭފުޅުން ފަންސާސް މިލިއަން ޑޮލަރަށް ޑިވަލަޕްކުރި އެތި އަޅުގަނޑުމެން 35 މިލިއަން ދިވެހި ރުފިޔާއަށް ބަލާއިރުގައި ދެން ބައްލަވާ އަޅުގަނޑުމެން ގެންނަން ޖެހޭނެ ގޮތް."

މިނިސްޓަރު ވިދާޅުވި ގޮތުގައި ރާއްޖޭގެ މާލީ ތަނަވަސްކަން ހުރި މިންވަރަށް ބަލާފައި، ގަބޫލުކުރައްވަނީ މާފުށީ ޖަލުގައި ހަދާ ހައި ފެސިލިޓީ ސެކިއުރިޓީ ވިންގަކީ ހަރުކަށި ފިކުރުގެ މީހުން ގެންގުޅެން އެކަށީގެންވާ ވަރުގެ ފެސިލިޓީއަކަށް ވާނެ ކަމަށެވެ.