އައްޑޫގެ މިސްކިތްތައް މަރާމާތު ކުރުމަށް ކައުންސިލްގެ ބަޖެޓްކޮށްފައިވާ ފަސް ލައްކަ ރުފިޔާއިން މަސައްކަތް ނުނިންމޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެފިއެވެ.
ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަދި މަރަދޫ ދާއިރާގެ ކައުންސިލަރު އަބްދުﷲ ޠޮއްޔިބް (ޓޮމް) ވިދާޅުވީ މިސްކިތް މަރާމާތު ކުރަން މަދުވެގެން 1،030،000ރ. ހަރަދު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އައްޑޫގައި 65 ވަރަކަށް މިސްކިތް ހުރި އިރު އެހުރިހާ މިސްކތްތަކަކީވެސް ކޮންމެ އަހަރު މަރާމާތު ކޮށް އާބަތުރަ ފިލުންވަން ޖެހޭ މިސްކިތްތަކެވެ.
ޓޮމް ވިދާޅުވީ މިސްކިތްތަކުގެ މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދޭނެ ފަރާތަތައް ހޯދުމަށް އިއްލާން ކޮށްފައިވާ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން އައްޑޫގެ މިސްކިތްތައް މަރާމާތު ކުރަން ފައިސާ ދޭން ބުނެފައިވާ ޓޮމް ވިދާޅުވިއެވެ. ޓޮމް ވިދާޅުވީ އެހެންވެ މަސައްކަތްތަކުގެ ކޯޓޭޝަން ހޯދަމުން އަންނަ ކަމަށާއި، ރޯދައިގެ ކުރިން މަސައްކަތް ނިންމާލެވޭނެ ަކމަށް ގަބޫލް ކުރައްވާ ކަމަށެވެ.
އައްޑޫގެ ބައެއް މިސްކިތްތައް އަމިއްލަ ފަރާތްތަކުންވެސް ދަނީ މަރާމާތު ކުރަމުންނެވެ.