Last Updated: July 27, 10:52
Monday, July 27, 2026
މުނިފޫހިފިލުވުން

ޕަތާން އާއި ޓައިގާގެ ކޯޅުންގަނޑަށް ފިލްމެއް

ކުރިން ވެސް އެކީގައި ފިލްމުތަކެއްގައި މަސައްކަތްކޮށްފައިވާ ބޮލީވުޑްގެ ދެ ތަރިން ކަމަށްވާ ޝާހްރުކް ޚާނާއި ސަލްމާން ޚާން އެކީގައި ވަރުގަދަ ބޮޑު ފިލްމަކަށް ގެންނަން ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމަކީ ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި "ޕަތާން" ގައި ޝާހްރުކް ކުޅުން ޕަތާން ކެރެކްޓާ އާއި "ޓައިގާ" ސީރީޒްގައި ސަލްމާން ކުޅޭ ޓައިގާގެ ކެރެކްޓާގެ ކުރިމަތިލުންތަކެއް ދައްކުވައިދޭ ގޮތަށް ހަދާނެ ފިލްމެއް ކަމަށެވެ. އެގޮތުން ޕްރޮޑިއުސަރު އަދިތިޔާ ޗޯޕްޅާ މިހާރު "ޕަތާން" ގެ ސްކްރީން ރައިޓަރު ޝްރީދާރް ރަގްވަންއާ ގުޅިގެން ސްކްރިޕްޓެއް ލިޔަމުން އަންނަ ކަމަށާއި އޭގެ ފުރަތަމަ ޑްރާފްޓް ވެސް މިހާރު ނިންމާފައިވާ ކަމަށް ޕިންކްވިލާ އިން ބުންޏެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ ޕަތާން އާއި ޓައިގާގެ ކޯޅުން ދައްކުވައިދޭ ފިލްމަކަށް ތައްޔާރީތައްވާ އިރު، ޓައިގާ ކެރެކްޓާ އިން "ޕަތާން" ގެ ހާއްސަ ފެނިލުމެއްގައި ވެސް ސަލްމާން ހިމެނޭކަމެވެ. އަދި މިއީ ފިލްމުން ބެލުންތެރިންނަށް އެންމެ ކަމުދިޔަ އެއް ކަންތައް ވެސް މެ އެވެ. އަނެއްކޮޅުން މި އަހަރުގެ ނޮވެމްބަރުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާންގެ "ޓައިގާ 3" ގެ ހާއްސަ ފެނިލުމަކުން ޝާހްރުކް ވެސް ފެންނާނެ އެވެ.

މި ދެ ތަރިން އެކީގައި ފިލްމަކަށް ގެންނަން ވައިއާރްއެފުން މަސައްކަތްކުރާ އިރު، ކުރިން ވެސް މިފަދަ އަޑުތަކެއް އެކި ފަހަރު މަތިން އަރާފައިވެ އެވެ.

ޝާހްރުކާއި ސަލްމާން އެކީގައި މަސައްކަތްކުރި ފިލްމުތަކުގެ ތެރޭގައި 1995 ގެ "ކަރަން އަރުޖުން" އާއި 1998 ގެ "ކުޗް ކުޗް ހޯތާ ހޭ" ގެ އިތުރުން 2002 ގެ "ހަމް ތުމާރޭ ހޭ ސަނަމް" ހިމެނެ އެވެ. މީގެ އިތުރުން ދެ ތަރިން އެކަކު އަނެކެއްގެ އެކި ފިކްމުތަކުގެ ކެމިއޯތަކުގައި ހިއްސާވެފައިވެ އެވެ.