އިނގިރޭސި ޕްރިމިއާ ލީގުގެެ އެންމެ ކާމިޔާބު ކްލަބް، މެންޗެސްޓާ ޔުނައިޓެޑް ގަންނަން ގަތަރުގެ މަހުޖަނަކު ބިޑްކޮށްފި އެވެ.
ޔުނައިޓެޑް ގަންނަން ބިޑްކޮށްފައިވަނީ ގަތަރުގެ ކުރީގެ ބޮޑުވަޒީރުގެ ދަރިކަލުން ޝައިހް ޖާސިމް ބިން ހަމަދް އަލްޘާނީ އެވެ. އޭނާ އަކީ ގަތަރުގެ އެންމެ ބޮޑު އެއް ބޭންކު ކަމަށްވާ ގަތަރު އިސްލާމިކް ބޭންކުގެ ޗެއާމަނެވެ.
ޔުނައިޓެޑް ގަންނަން ޝައިހް ޖާސިމް ބިޑްކުރީ އޭނާގެ "ނައިން ޓޫ" ފައުންޑޭޝަން މެދުވެރިކޮށެވެ. ނަމަވެސް ޔުނައިޓެޑް ގަންނަން ބިޑްކުރި އަދަދެއް ޝައިހް ޖާސިމްގެ ކޮންސޯޓިއަމް އިން ހާމަކޮށްފައެއް ނުވެ އެވެ.
ޝައިހް ޖާސިމްގެ އިތުރުން ޔުނައިޓެޑް ގަންނަން އިނގިރޭސިވިލާތުގެ ބިލިނަރެއް ކަމަށްވާ، ސަރ ޖިމް ރެޓްކްލިފް ވެސް ވަނީ ބިޑްކޮށްފަ އެވެ. އިނގިރޭސިވިލާތުގެ ކެމިކަލް ކުންފުނި އިނިއޯސް ގުރޫޕުގެ ފައުންޑާ ރެޓްކްލިފް އަކީ ފްރާންސްގެ ކުލަބް ނީސްގެ ވެސް ވެރިޔާ އެވެ. ޔުނައިޓެޑް ގަންނަން ރެޓްކްލިފްގެ ކުންފުނިން ހުށަހެޅި އަގެއް ހާމަކޮށްފައެއް ނުވެ އެވެ.
ރެޓްކްލިފް ވަނީ މީގެކުރިން ޗެލްސީ ގަންނަން ވެސް މަސައްކަތްކޮށްފަ އެވެ. އެގޮތުން ޗެލްސީ ގަންނަން އޭނާ 4.25 ބިލިއަން ޕައުންޑްގެ ބިޑެއް އެފަހަރު ހުށަހެޅި އެވެ.
ޔުނައިޓެޑްގެ މިހާރުގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާ ޔުނައިޓެޑް ގަތީ 2005 ވަަނަ އަހަރު އެވެ.