މި މަހުގެ 6 ގައި އޮލިމްޕަސް ސިނަމާގައި އެޅުވި ފިލްމު "ބީވީމާ" ގެ ޝޯތައް ކުރިއަށް ގެންދާނީ އަންނަ މަހުގެ 4 އާ ހަމައަށް ކަމަށް އެ ފިލްމު އުފެއްދި ޑާކް ރެއިން އެންޓަޓައިންމަންޓުން ބުނެފި އެވެ.
ވަދާއީ ތިން ޝޯގެ ޓިކެޓް ވެސް މިހާރު އަންނަނީ ވިއްކަމުންނެވެ.
"ބީވީމާ" އަކީ ސްކްރީން ރައިޓަރު އަހުމަދު ޒަރީރު ލިޔެ، ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމެވެ. މީގެ މައިގަނޑު ކާސްޓުންނަކީ އަލަށް ތައާރަފުކުރި މަރިޔަމް އަޝްފާ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި އައިމިނަތު ރަޝްފާ (އާޝާ) ގެ އިތުރުން އަލަށް ތައާރަފުކުރި އާދަމް ޒިދާނެވެ.
"ބީވީމާ" އަކީ 2018 ގެ ތަމަޅަ ފިލްމު "96" ގެ ރިމޭކެކެވެ. މިއީ ފުރާވަރުގައި އެކީގައި ކިޔަވަން އުޅުނު ދެ ލޯބިވެރިންގެ ވާހަކަ ކިޔައިދިން އެއްޗެކެވެ.
ޑާކް ރެއިންގެ "ބީވީމާ" އަކީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު، އޮލިމްޕަހުގައި އެޅުވި ފުރަތަމަ ފިލްމެވެ.
އެ ސިނަމާގައި މިހާރު ވަނީ ބޭރުގެ ފިލްމުތައް ވެސް ދައްކަން ފަށައިފަ އެވެ. އެގޮތުން އިއްޔެ ބޮލީވުޑްގެ ފިލްމު "ޝެހެޒާދާ" ދަައްކަން ފެށި އިރު، އޭގެ ޝޯތައް މި މަހުގެ 26 އާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވެ އެވެ.
ދެން އެންމެ އަވަހަށް އޮލިމްޕަހަށް އަންނާނެ ދިވެހި ފިލްމަކީ ކުރިއަށް އޮތް ރޯދަ މަސް ނިންމާލައި މެއި 3 ގައި އަޅުވަން ހަމަޖެހިފައިވާ އަލީ ސީޒަންގެ "ލޯބިވެވިއްޖެ" އެވެ.