Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ސަމަދުއާ ގުޅުވާ ދެއްކި ވާހަކައިން މާރިޔާއަށް ފާޑުކިޔުން

ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓި މައްސަލައިގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެއްކެވި ވާހަކައަކާ ގުޅިގެން އޭނާއަށް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ ސަމަދު އިންޑިއާގައި ހިފެހެއްޓި މައްސަލައާ ގުޅުވާ ވާހަކަ ދައްކަވާފައެވެ.

ވަކި މީހެއްގެ ނަން ވިދާޅުނުވެ މާރިޔާ ވިދާޅުވީ، ރާއްޖޭގެ އަވައްޓެރި ގައުމެއްގެ މިލިޓަރީއަށް ގޮންޖައްސަވާ ވާހަކަ ދެއްކެވި ބޭފުޅުންގެ ތެރޭގައި ކުރީސަފުގައި ޖަޑިބަކަށް ހުރި ބޭފުޅެއް އެ ގައުމަށް ވަޑައިގެންނެވި ކަމަށެވެ. އެ ގައުމުގައި އޭނާ ހިފަހައްޓާފައި އިނީ އިމިގްރޭޝަންގެ ފިނި ކޮޓަރިއެއްގައި ކަމަށާއި އެހެންނަމަވެސް އެނބުރި ރާއްޖެ ވަޑައިގަތީ ކީރިތި ކުރައްވަމުން ކަމަށެވެ.

"މިވަރު މީހުން މި އުޅެނީ." މަޖާޒީ ގޮތެއްގައި މާރިޔާ ވިދާޅުވިއެވެ.

މާރިޔާގެ ވާހަކައާ ގުޅިގެން ސޯޝަލްމީޑިއާގައި ގިނަ ބަޔަކު އަންނަނީ މާރިޔާއަށް ފާޑުކިޔަމުންނެވެ.

އެގޮތުން ކުރީގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރިޔާގެ ވާހަކަތަކަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. އަދި އެ ވާހަކަތަކުގެ ސަބަބުން މާރިޔާގެ ކެރެކްޓަރާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ކުރެއްވި ޓްވީޓެއްގައި ވަނީ މާރިޔާއަކީ ރާއްޖޭގެ ޑިފެންސް މިނިސްޓަރުކަން ހަނދުމަފުޅުކޮށް އަރުވާކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ސަލާމަތީ ހިދުމަތުގައި އުޅުއްވި ބޭފުޅަކަށް ހަޖޫޖައްސަވައި ބޭރުގެ އަސްކަރިއްޔާއަށް ސަނާ ދެންނެވުން ބަލައިގަނުގަނެވޭނެ ކަމަށެވެ.

އާއިލާއާއެކު ބޭސް ފަރުވާއަށް ސަމަދު އިންޑިއާގެ ބެންގަލޫރުގައި ހުއްޓާ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ވަނީ ޑީޕޯޓްކޮށްލާފައެވެ. ސަމަދު ވިދާޅުވީ އޭނާއާ ދޭތެރޭ ކަންތައްތައް ކުރީ ވަރަށް ހަރުކަށިކޮށް ކަމަށާއި އެގޮތުން ކާއެއްޗެއް ނުދީ 18 ގަޑިއިރު ވަންދެން ބެހެއްޓި ކަމަށެވެ. އަދި ބެހެއްޓީ ވެސް ވަރަށް ފިނި ކޮޓަރިއެއްގައި ކަމަށެވެ.