ހިންދީ ސިނަމާގައި 90 ގެ ގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވި ފިރިހެން އަޑުގެ ތެރޭގައި ހިމެނޭ ލަވަކިޔުންތެރިޔާ ކުމާރު ސާނޫގެ ފޭނުންނަށް ހާއްސަ ހަދިޔާއެއް ދޫކޮށްލައިފި އެވެ.
މިއީ އޭނަ ކިޔާފައިވާ 90 ގެ ސްޓައިލްގެ ލަވައެއްގެ ވީޑިއޯ އެވެ. "ދިލް ބީ ރޯނޭ" ގެ ނަން ދީފައިވާ މި ލަވައިގެ މިއުޒިކް ސުޝާންތު-ޝަންކަރް ހަދާފައިވާ އިރު، ޅެން ލިޔުނީ ކުމާރެވެ.
ކުމާރު ސާނޫ، 65، ގެ ހިތްގައިމު އަދި ބާވުމެއް ނެތް އަސަރު ގަދަ އަޑުން ކިޔާފައިވާ އާ ލަވައިގެ ވީޑިއޯ އިން ފެންނާނީ އަލީ މާޗެންޓާއި ޕާރްވަތީ ނައިރެވެ. ހަމަ ޔަގީނުން ވެސް "ދިލް ބީ ރޯނޭ" އަކީ ކުމާރުގެ ސާނޫގެ އަޑުގެ ޖާދޫ ހިތުން ނުފިލާ މީހުންނަށް ވަރަށް ކަމުދާނެ ލަވައަކަށް ވާނެ އެވެ. ޔޫޓިއުބްގައި މި ލަވަ އަށް މިހާރު ވެސް 2 މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.
"އާޝިގީ" ފަދަ އެތައް ފިލްމެއް މަގުބޫލުވުމުގައި ކުމާރު ސާނޫ ކިޔާފައިވާ ލަވަތައް ބޮޑު ރޯލެއް ކުޅެފައިވެ އެވެ. މިހާރު ފިލްމުތަކުން އޭނަގެ ލަވަތައް އިވޭލެއް މަދަސް، ކުމާރު ސާނޫގެ ލަވަތައް އެންމެ ބޮޑަށް ދިރުވަނީ އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ އެކިއެކި ލަވަ ޝޯތަކުންނެވެ.
އެގޮތުން މިރޭ ކުމާރު ސާނޫ އާއި އޭނައާ އެކީ ހިޓް އެތައް ލަވައެއް ކިޔާފައިވާ އަނޫރާދާ ޕޯޑުވަލް ސޮނީ ޓީވީގެ "އިންޑިއަން އައިޑޮލް 13" އިން ފެންނާނެ އެވެ. އެ އެޕިސޯޑުން އެ ދެ މީހުންގެ ލަވަތަކުގެ ހަނދާން އާކުރުން މިރޭ އޮންނާނެ އެވެ.