Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ފާޑުކިޔުންތަކަށް މާރިޔާ ރައްދު ދެއްވައިފި

މިނިސްޓަރު މާރިޔާ އަހުމަދު ދީދީ-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރޭގެ ޖަލްސާގައި ދެއްކި ވާހަކަތަކާ ގުޅިގެން އަމާޒުވަމުން އަންނަ ފާޑުކިޔުންތަކަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ރައްދު ދެއްވައިފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވަނީ، ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓި މައްސަލައާ ގުޅުވާ ވާހަކަ ދައްކަވާފައެވެ.

މާރިޔާގެ ވާހަކަތަކާ ގުޅިގެން ސޯޝަލްމީޑިއާގައި ގިނަބަޔަކު އަންނަނީ މާރިޔާއަށް ފާޑުކިޔަމުންނެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައި މާރިޔާ ވިދާޅުވީ، ގައުމުތަކަށް ހިތުހުރި އެއްޗެއް ނުގޮވުމަށް ބުނުމުންވެސް އެކަން ކުރުމަށްފަހު އެ ގައުމުތަކަށް ދިއުމުން އެތަނުން ފޮނުވާލުމުން ރޯންޖެހޭ ރުއިން ފެންނަ ކަމަށެވެ. އެފަދަ ކަމެއް އިތުރު ރައްޔިތަކަށް ނުވުމަށްޓަކާވެސް އެފަދަ ވާހަކަތައް ދައްކަން ކެރެންޖެހޭ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އާއިލާއާއެކު ބޭސް ފަރުވާއަށް ސަމަދު އިންޑިއާގެ ބެންގަލޫރުގައި ހުއްޓާ އިންޑިއާގެ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ވަނީ ޑީޕޯޓްކޮށްލާފައެވެ.