Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ހިތަދޫ ޕޯޓުން ފައިދާއެއް ނެތް، ހުސް ގެއްލުން

އައްޑޫ ސަރަހައްދީ ބަނދަރުން މިހާތަނަށް އެއްވެސް ފައިދާއެއް ނުވާ ކަމަށާއި މުޅިން ވެސް ވެފައި ވަނީ ގެއްލުން ކަމަށް އެތަނުގެ އޮޑިޓް ރިޕޯޓްގައި ބުނެފި އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ދަށުން ހިންގަމުން އަންނަ ހިތަދޫ ޕޯޓް ލިމިޓެޑް (އެޗްޕީއެލް) އިން މެނޭޖްކުރާ ޕޯޓް ބޭނުންކުރަން ފެށީއްސުރެ ފާއިތުވި 11 އަހަރުގެ ތެރޭގައި މުޅިން ވެސް ވެފައި ވަނީ ގެއްލުން ކަމަށް އޮޑިޓް ރިޕޯޓްގައި ބުންޏެވެ. އެގޮތުން 2020 ގެ ނިޔަލަށް އެޗްޕީއެލް އަށް 85 މިލިއަން ރުފިޔާ ގެއްލުންވެފައިވާ އިރު، ކޮންމެ އަހަރަކު ވެސް އެ ކުންފުންޏަށް
އެވްރެޖްކޮށް 6 މިލިއަން ރުފިޔާގެ ގެއްލުންވެ އެވެ. ނަމަވެސް ގެއްލުމުގައި ހިންގާ އިރު ވެސް ކުންފުނީގެ މާލިއްޔަތު ރީވެލިއުކޮށް، ކުންފުނީގެ އަގު ދަށްކުރުމަށް ހަދަން ޖެހޭ އެސެސްމެންޓް ނަހަދާކަން ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ. އަދި ކުންފުނީގެ ހާލަތު ދެނެގަނެ، މާލީ މިސްރާބު އަންދާޒާކުރަން އުނދަގޫވި ކަމަށް ވެސް އޮޑިޓް ރިޕޯޓްގައި އެވެ.

އެހެންވެ ވީ އެންމެ އަވަހަކަށް އެޗްޕީއެލްގެ އެސެސްމެންޓެއް ހެދުމަށް އޮޑިޓް އޮފީހުން ލަފާ ދީފައިވެ އެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ކުންފުނީގެ މާލީ ހިސާބުގެ ކަންކަން ބެލެހެއްޓުމުގައި އެ ކުންފުނިން އެންމެ ފުރިހަމައަށް މަސައްކަތްކޮށްފައި ނުވާ އިރު، ޓެކްސްގެ ގޮތުގައި މީރާ އަށް ދޭން ޖެހޭ އަދަދުތައް ވެސް ކަށަވަރު ނުކުރެވެ އެވެ.
އަދި މާލީ ހިސާބުތައް ރެކޯޑު ކުރުމުގައި ކުންފުނިތަކާއި ސަރުކާރުގެ އިދާރާތަކުން، އަދިވެސް އެންމެ ފުރިހަމައަށް އަމަލު ނުކުރާތީ، މާލީ ރިޕޯޓުތަކުގެ ސައްހަކަން ކަށަވަރު ކުރަން އުނދަގޫކަން ވެސް އެޗްޕީއެލްގެ އޮޑިޓް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

އެޗްޕީއެލްގެ ދަށުން ޕޯޓް 2009 އިން ފެށިގެން ޕޯޓް ހިންގަމުން އަންނަ އިރު، ދެކުނުގެ ސަރަހައްދީ ބަނދަރު ހުޅުވީ ކުރީގެ ރައީސް މައުމޫން އަބްދުކް ގައްޔޫމްގެ ވެރިކަމުގައި 2006 ގަ އެވެ.

އެ ޕޯޓްގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފޭތީ ޕޯޓްގައި މިހާރު ހުރި މައްސަލަތައް ހައްލުކުރުމާއި އެތަނަކީ އެންމެ ބޮޑެތި އާގު ބޯޓްފަހަރު ބަނދަރުކުރެވޭ ތަނަކަށް ހެދުމަށްޓަކައި ޕޯޓް ތަރައްގީ ކުރަން މަޝްރޫއެއް ހިންގަން އޮތީ ނިންމައިފަ އެވެ. އެ މަޝްރޫއު ހަވާލުކޮށްފައި އޮތީ އެމްޓީސީސީއާ އެވެ.