ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް އަނެއްކާވެސް ޤާސިމް އިބްރާހިމް ކުރިމަތި ލައްވައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހް މިއަދު ވިދާޅުވީ ޖޭޕީގެ ލީޑަރުގެ މަގާމަށް ޤާސިމް އިބްރާހިމް ކުރިމަތި ލައްވާފައިވާ ކަމަށެވެ.
މިއީ ޤާސިމް، ޖޭޕީގެ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާ ހަތަރު ވަނަ ފަހަރެވެ.
އެ މަގާމަށް ޤާސިމް ހޮވުމާ މެދު ގޮތެއް ނިންމާނީ މިމަހުގެ 24 އަދި 25 ވަނަ ދުވަހު ބާއްވާ ޖޭޕީގެ ގައުމީ ކޮންފަރެންސްގައެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަކީ އެ ޕާޓީގެ ގައުމީ ކޮންފަރެންސްއިން ހޮވާ މަގާމެކެވެ. އެ މަގާމަކީ ފަސް އަހަރުގެ ދައުރަކަށް ހޮވާ މަގާމަކެވެ. ޖޭޕީގެ އަސާސީ ގަވައިދު ބުނާގޮތުން އެޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައިވެސް ވާދަ ކުރާނީ ޕާޓީގެ ލީޑަރެވެ.