ރޭ 9 ޖަހާކަށްހާ އިރު ހިތަދޫ ހުސެއިނީ މަގާއި، ކަނީރު މަގު ގުޅޭ ކަންމަތިން ދެ ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ސީރިއަސް އަނިޔާ ލިބުނު ހިތަދޫ، ޗިޅިޔާޖެހިގޭ، މުހައްމަދު އަލީ (މެރޭ)ގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ބުނެފިއެވެ.
ހޮސްޕިޓަލްގެ އިސް އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްވި މުހައްމަދު އަލީ ރޭ ހޮސްޕިޓަލަށް ގެނައި އިރު އުނަގަނޑުން ތިރީގެ ވާގި ނެތްކަމަށެވެ. ނަމަވެސް މިހާރު އޭނާގެ ހާލު ރަނގަޅުކަމަށެވެ.
ރޭގެ އެކްސިޑެންޓްގައި ދެވަނަ ސައިކަލް ދުއްވަން އިނީ 17 އަހަރުގެ ޒުވާނެކެވެ. އޭނާއަށް މާ ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
އިއްޔެ ހަވީރު ލިންކް ރޯޑުގައި ހުންނަ އެޕޯލޯ ކުރިމަތިން ހިނގި އެކްސިޑެންޓްގައި ބޮލަށް އަނިޔާ ލިބުނު ހިތަދޫ، އަބަހިޔާގެ، އަލީ ނަސީރު އިތުރު ފަރުވާއަށް މިއަދު މާލެ ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ. ހޮސްޕިޓަލުން ބުނީ އޭނާގެ ހާލުވެސް ރަނގަޅުކަމަށެވެ. އަދި މާލެ ފޮނުވާލަނީ ސީޓީ ސްކޭންއެއް ހަދަން ކަމަށެވެ.
އައްޑޫގައި އިއްޔެވަނީ ނުރައްކާތެރި 2 އެކްސިޑެންޓެއް ހިނގާފައެވެ.