Last Updated: June 8, 21:45
Tuesday, June 9, 2026
ޚަބަރު

ޖޭޕީގެ ޑެޕިއުޓީ ލީޑަރަކަށް ނަހުލާ ކުރިމަތިލައްވައިފި

ކުރީގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން އައިޝަތު ނަހުލާ / ފޮޓޯ: ޓްރާންސްޕޯޓް މިނިސްޓްރީ

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ކުރިމަތިލައްވައިފިއެވެ.

ޖޭޕީގެ ހަތަރުވަނަ ގައުމީ ކޮންފަރެންސަށް އެ ޕާޓީން ތައްޔާރުވަމުން އަންނައިރު، އެ ކޮންފަރެންސްގައި ޕާޓީގެ ލީޑަރުގެ މަގާމަށް އަދި ޑެޕިއުޓީ ލީޑަރުގެ މަގާމަށް ބޭފުޅުން ހޮވާނެއެވެ.

ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމަށް ފަސް ބޭފުޅުން އިންތިހާބު ކުރައްވާނެއެވެ.

މިނިސްޓަރު ނަހުލާ ޖޭޕީގެ ޑިޕިއުޓީ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައިވާއިރު، ޖޭޕީގެ ނައިބު ރައީސް އަހުމަދު ސައުދު، ސްޓޭޓް މިނިސްޓަރު ހަސަން މުގުނީ، އެކްޒެކިއުޓިވް ސެކްރެޓަރީ އިގްބާލު އާދަމް، އިމިގްރޭޝަންގެ ކޮންޓްރޯލާ މުހައްމަދު އަހްމަދު ހުސައިން (ހަނަފީ)، ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް ވެސް ވަނީ ޑެޕއިޓީ ލީޑަރުގެ މަގާމަށް ކުރިމަތިލައްވާފައެވެ.

މިމަހުގެ 24 އަދި 25 ވަނަ ދުވަހު ބާއްވާ ޖޭޕީގެ ގައުމީ ކޮންފަރެންސްގައި ޕާޓީގެ ލީޑަރުގެ މަގާމަށްވެސް ބޭފުޅަކު އިންތިހާބު ކުރާނެއެވެ. އެ މަގާމަށް ކުރިމަތި ލައްވާފައިވަނީ ޤާސިމް އިބްރާހިމްއެވެ.