ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ފުރަތަމަ ވެބް ސީރީޒް "ހީރާމަންޑީ" ގެ ބަތަލާއިންތަކަކާ އެކީ އޭގެ ފަސްޓްލުކް މިއަދު ދައްކާލައިފި އެވެ.
ނެޓްފްލިކްސް އަށް ހަދާ 8 އެޕިސޯޑްގެ ސީރީޒްގެ ސްޓިލް/މޯޝަން ޕޯސްޓަރުން ދައްކައިލި ބަތަލާއިންގެ ތެރޭގައި ހިމެނެނީ ސޮނާކްޝީ ސިންހާ އާއި މަނީޝާ ކޮއިރަލާ އާއި އަދިތީ ރާއޯ ހައިދަރީ އާއި ރިއްޗާ ޗައްޑާ އާއި ސަންޖީދާ ޝެއިހްގެ އިތުރުން ބަންސާލީ އަށް ބޮޑުބޭބެ ކިޔާ ޝަރުމިން ސޭގަލް އެވެ.
މި ބަތަލާއިންގެ ތެރެއިން މަނީޝާ އަކީ ބަންސާލީގެ ފުރަތަމަ ފިލްމު 1996 ގެ "ހާމޯޝީ: ދަ މިއުޒިކަލް" ގެ ބަތަލާ އެވެ.
"ހީރާމަންޑީ" ގެ ބަތަލާއިންތަކެއް މިއަދު ދައްކާލައި ބުނީ މި ސީރީޒް ވަރަށް އަވަހަށް ނެޓްފްލިކްސް އަށް އަންނާނެ ކަމަށެވެ. މީގައި ކިޔައި ދެނީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން އަދި ގައުމު ބައިބައިވުމުގެ ކުރިން، ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން "ހީރާމަންޑީ" އިން ފެންނާނެ އެކްޓަރުންގެ ތެރޭގައި ފަރުދީން ޚާނާއި ޖެކީ ޝްރޮފް ހިމެނެ އެވެ. އަދި މިއަދު ދައްކައިލި ބަތަލާއިންގެ އިތުރުން ވެސް ސީރީޒުން މަޝްހޫރު އެތައް ތަރިންނެއް ފެންނާނެ ކަމަށް ބެލެވެ އެވެ.
"ހަމް ދިލް ދޭ ޗުކޭ ސަނަމް" އާއި "ދޭވްދާސް" އާއި "ރާމް ލީލާ" އާއި "ބަޖިރާއޯ މަސްތާނީ" އަދި "ޕަދުމާވަތު" ފަދަ ރީތި އަދި އެހާމެ ކާމިޔާބު ފިލްމުތައް ހަދާފައިވާ ބަންސާލީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު އާލިއާ ބަޓާ އެކީ ގެނެސްދިން "ގަންގޫބާއި ކަތިއަވާޅީ" އެވެ.