Last Updated: July 16, 13:57
Thursday, July 16, 2026
ކުޅިވަރު

ބިންހެލުމުގައި ގެއްލުނު އަޓްސޫ މަރުވެއްޖެ

ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގައި ގެއްލުނު ގާނާގެ ވިންގާ ކްރިސްޓިއަން އަޓްސޫ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.

އަޓްސޫ ،31، އިމާރާތެއްގެ ދަށުވެ ގެއްލިގެން ހޯދަން ފެށީ މިމަހުގެ ކުރީކޮޅުގަ އެވެ. ހޯދަން ފެށިތާ ދެތިން ދުވަސް ފަހުން އަޓްސޫ ފެނުނު ކަމަށް ތުރުކީގެ އިދާރާތަކުން މައުލޫމާތު ދިން ނަމަވެސް އޭނާގެ އެޖެންޓް ފަހުން ވަނީ އެކަން ދޮގުކޮށްފަ އެވެ.

އަޓްސޫގެ އެޖެންޓް މިއަދު ވަނީ އޭނާ އިމާރާތެއްގެ ދަށުގައި މަރުވެފައި އޮއްވާ ފެނިފައިވާކަން ޔަގީންކޮށްދީފަ އެވެ.

އަޓްސޫ މަރުވިއިރު ކުޅެމުން ދިޔައީ ތުރުކީގެ ހެޓޭސްޕޯ އަށެވެ. އެޓީމަށް އަޓްސޫ ބަދަލުވީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

2011 ވަނަ އަހަރު ޕޯޓޯ އިން ކްލަބް ކެރިއަރު ފެށި އަޓްސޫ ވަނީ ޕްރައިމިއާ ލީގުގެ ގިނަ ކްލަބުތަކަކަށް ކުޅެފަ އެވެ. އޭގެތެރޭގައި ޗެލްސީ އާއި އެވަޓަން އާއި ބޯންމައުތުގެ އިތުރުން ނިއުކާސަލް ޔުނައިޓެޑް ހިމެނެ އެވެ.

ތުރުކީ އާއި ސީރިއާ އަށް އައި ވަރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 45،000 އަށް ވުރެ މައްޗަށް މިހާރު ވަނީ އަރާފަ އެވެ.