އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ނޮޓިންހަމް ފޮރެސްޓް 1-1 އިން އެއްވަރުވި އިރު ލީގުގެ އެންމެ ފުލުގައި އޮތް ސައުތެމްޓަން އިން 1-0 އިން ޗެލްސީ ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު ސިޓީ ލީގުގެ ދެވަނައިގައި މިހާރު އޮތީ 52 ޕޮއިންޓާ އެކު އެވެ. ސިޓީ އަށް ވުރެ އެއް މެޗު މަދުން ކުޅެ 54 ޕޮއިންޓާ އެކު އެއްވަނައިގައި އޮތީ އާސެނަލް އެވެ. މިރޭ ޗެލްސީ އަތުން މޮޅުވި ސައުތެމްޓަން ލީގުގެ ފުލުގައި މިހާރު އޮތީ 18 ޕޮއިންޓާ އެކު އެވެ. ޗެލްސީ އޮތީ 31 ޕޮއިންޓާ އެކު ލީގުގެ 10 ވަނައިގަ އެވެ. މިއީ ލީގުގައި މޮޅެއް ނުލިބި ޗެލްސީން ޖެހިޖެހިގެން ނިންމާލި ހަތަރުވަނަ މެޗެވެ. ޗެލްސީ އަށް އެންމެފަހުން ލީގުގައި މޮޅެއް ހޯދުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު ކްރިސްޓަލް ޕެލެސް އަތުން 1-0 އިންނެވެ.
ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ސައުތެމްޓަން އަށް ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ އެޓީމުގެ ކެޕްޓަން ޖޭމްސް ވޯޑް ޕްރޯސް އެވެ. އޭނާ މި ގޯލު ކާމިޔާބު ކުރީ ޗެލްސީގެ ޕެނަލްޓީއޭރިއާ ކައިރިން ލިބުނު ހިލޭޖެހުމަކުންނެވެ.
ދެވަނަ ހާފްގައި ޗެލްސީން ކުޅުން ރަނގަޅު ކުރިއިރު ރަހީމް ސްޓާލިން ފޮނުވާލި ހަމަލާއެއް ސައުތެމްޓަންގެ ކުޅުންތެރިއަކު ވަނީ ގޯލުގެ ހުރަސް ރޮގުމަތިން ދިފާއުކޮށްފަ އެވެ. މި ހާފުގައި ޗެލްސީން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި ސައުތެމްޓަންގެ ގޯލްކީޕަރު ބަޒުނޫގެ ހުޝިޔާރުކަން ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.
މި މެޗަށް ސައުތެމްޓަން އިން ނިކުތީ ވަގުތީ ކޯޗަކާ އެކު އެވެ. އެގޮތުން އެޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ނޭތަން ޖޯންސް ދާދިފަހުން ވަކިކޮށްފައިވާއިރު މިއީ ސައުތެމްޓަން އިން ލީގުގައި ހޯދި ފަސްވަނަ މޮޅެވެ.
ފޮރެސްޓްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސިޓީންނެވެ. އެގޮތުން މެޗުގެ 41 ވަނަ މިނެޓްގައި ސިޓީ އަށް ލީޑު ނަގައިދިނީ ބަނާޑޯ ސިލްވާ އެވެ. ދެވަނަ ހާފްގައި ލީޑު ފުޅާކޮށްލަން ސިޓީ އަށް ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައިވެ އެވެ.
ސިޓީ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނު އިރު މެޗުގެ 84 ވަނަ މިނެޓްގައި ކްރިސް ވުޑް ވަނީ ފޮރެސްޓަށް ނަތީޖާ އެއްވަރުކޮށްދީ އެޓީމަށް މުހިއްމު ޕޮއިންޓެއް ކަށަވަރުކޮށްދީފަ އެވެ. މި މެޗުން ލިބުނު ޕޮއިންޓާ އެކު ފޮރެސްޓް އޮތީ 25 ޕޮއިންޓާ އެކު ލީގުގެ 13 ވަނައިގަ އެވެ.
ޕްރިމިއާ ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އެވަޓަން އިން ވަނީ ލީޑްސް ޔުނައިޓެޑް 1-0 އިން ބަލިކޮށްފަ އެވެ. ކްރިސްޓަލް ޕެލެސް އާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު 1-1 އިން އެއްވަރުވި އިރު ބޯންމަތް އިން ވަނީ 1-0 އިން ވުލްވްސް ބަލިކޮށްފަ އެވެ. އަދި ފަހު ވަގުތު ފުލަމް އިން ވަނީ 1-0 އިން ބްރައިޓަންގެ މައްޗަށް ކުރި ހޯދާފަ އެވެ.