ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންތަކެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަރިހަށް ވަޑައިގެންފި އެވެ.
ގާސިމްއާ ބައްދަލުކުރައްވަން އެމަނިކުފާނު ސަން އައިލެންޑް ރިސޯޓަށް ވަޑައިގެންނެވީ އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި ރައީސް ސޯލިހުގެ ކޮއްކޯފުޅު، އަދި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.
މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންކަމާ ގުޅޭ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.
ރައީސްގެ އަރިސް ބޭފުޅުންތަކެއް ގާސިމްގެ އަރިހަށް ވަޑައިގެންފައިވާއިރު މި އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އެހެން ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހެދުމުގެ ބާރު ރައީސް ސޯލިހަށް ދިނުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން މިދިޔަ ހަފްތާގައި ވަނީ ފާސްކޮށްފަ އެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސަށް ރަސްމީކޮށް މިހާރު ވަނީ އަރުވާފަ އެވެ.
ސަރުކާރު ކޯލިޝަނުގައި މިވަގުތު ތިބި ޕާޓީތަކުން އަންނަ ރިޔާސީ އިންތިހާބުގައި ކުރިއަށްދާނެ ގޮތަކާއި މެދު އަދި ގޮތެއް ނިންމާފައެއް ނުވެ އެވެ. އެގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރުމާ މެދު ޖުމްހޫރީ ޕާޓީން ގޮތެއް ނިންމާނީ މި މަހުގެ 24 ގައި ފަށާ އެ ޕާޓީގެ ގައުމީ ޖަލްސާގަ އެވެ. އަދާލަތު ޕާޓީ އާއި އެމްއާރްއެމުން މިހާތަނަށް ރިޔާސީ އިންތިހާބާ ގުޅޭގޮތުން މާބޮޑު ވާހަކައެއް ދައްކާފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބު އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.