އަންނަ މަހުން ފެށިގެން އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) ގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ނިންމައިފި އެވެ.
ކުންފުނީގެ އަހަރީ ސްޓާފް ނައިޓްގައި މެނޭޖިން ޑިރެކްޓަރު މުހައްމަދު މިހާދު ވިދާޅުވީ އަންނަ މަހުން ފެށިގެން އެ ކުންފުނީގެ މުވައްޒަފުންގެ އަސާސީ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
"މުވައްޒަފުންގެ ޓިކެޓަށް ދައްކާ ފިއުލް ޗާޖް މާޗު އެއް ވަނަ ދުވަހުން ފެށިގެން ކަނޑާލަން ވަނީ ނިންމާފައި. އަދި މާޗު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް ކުންފުނިން ވަނީ ނިންމާފައި." މިހާދު ވިދާޅުވި އެވެ.
މުވައްޒަފުންގެ މުސާރައަށް ގެންނަ ހެޔޮ ބަދަލާ އެކު ޕެންޝަން ފަންޑުގައި ރައްކާކުރެވޭ އަދަދުވެސް އިތުރުވާނެ ކަމަށް މިހާދު ވިދާޅުވި އެވެ. އަދި ކޮވިޑާ ގުޅިގެން ކަނޑާލާފައިވާ ބައެއް އިނާޔަތްތައް ވެސް އަލުން ދޭން ނިންމާފައިވާ ކަމަށް މިހާދު ވިދާޅުވި އެވެ. އެގޮތުން މުވައްޒަފުންނަށް ދެމުން އަންނަ ޓިކެޓުގެ އިނާޔަތް އަލުން ދޭން ނިންމަފައިވާ ކަމަށް ވިދާޅުވި އެވެ.

އައިއޭއެސްގެ ސްޓާފް ނައިޓްގައި ވަނީ އެކުންފުންޏަށް ދިގު މުއްދަތަކަށް ހިދުމަތް ކުރި ފަރާތްތަކުގެ އަގު ވަޒަންކޮށް އެފަރާތްތަކަށް އެވޯޑު ދެއްވާފަ އެވެ.
އެ ކުންފުނީގައި 1،300 އަށް ވުރެ ގިނަ މުވައްޒަފުން އަންނަނީ ވަޒީފާ އަދާކުރަމުންނެވެ.