Last Updated: July 27, 10:52
Monday, July 27, 2026
މުނިފޫހިފިލުވުން

އަޔޫޝްމަން ޔުނިސެފްގެ އެމްބެސެޑަރަކަށް

ޔުނިސެފްގެ އެމްބެސެޑަރަކަށް ބޮލީވުޑްގެ ތަރި އަޔޫޝްމަން ކްރާނާ ހަމަޖައްސައިފި އެެވެ.

އޭނަ ޔުނިސެފް އިންޑިއާގެ އެމްބެސެޑަރަކަށް ހަމަޖައްސައި އެކަން އިއުލާންކުރަން އިއްޔެ ހާއްސަ ހަފުލާއެއް ވެސް ބޭއްވި އެވެ. ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އަޔޫޝްމަން ބުނީ ފާއިތުވި ދެ އަހަރު އޭނަ ޔުނިސެފާ ވަރަށް ގާތުން މަސައްކަތްކޮށްފައިވާ ކަމަށް ޔުނިސެފް އިންޑިއާގެ އެމްބެސެޑަރުކަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އެމްބެސެޑަރެއްގެ ހައިސިއްޔަތުން ކުޑަކުދިންނާ ގުޅުން ހުރި އެތައް މަސައްކަތެއްގައި އަޔޫޝްމަން ހިއްސާވާނެ އެވެ. އެގޮތުން ކުޑަކުދިންނަށް ލިބިދޭ ހައްގުތައް ލިބޭތޯ ކަށަވަރުކުރުމާއި ކުޑަކުދިންނާ ގުޅުން ހުރި އެތައް މައްސަލައެއް ހައްލު ކުރުމާއި ހޭލުންތެރިކަން އުފެއްދުން ފަދަ ކަންކަމުގައި އޭނަ ބައިވެރިވެ، ގައުމީ ފެންވަރުގައި މަސައްކަތްކުރާނެ އެވެ.

އާންމުކޮށް އިޖުތިމާއީ އެކި ކަހަލަ މައްސަލަތަކަށް ހަދާ ފިލްމުތައް ކުޅެން މަޝްހޫރު އެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އަދި ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ 38 އަހަރުގެ އަޔޫޝްމަންގެ ކުރިއަށް އޮތް ފިލްމަކީ ޖުލައި 7 އަށް ތާވަލުކޮށްފައި އޮތް "ޑްރީމް ގާލް 2" އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ ޑިސެމްބަރުގައި ގެނެސްދިން "އޭކް އެކްޝަން ހީރޯ" އެވެ.