Last Updated: June 23, 20:16
Tuesday, June 23, 2026
ޚަބަރު

ރައީސަށް ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގެ ދެވަނަ ދައުރަކަށް ގެންނަން ރައްޔިތުން އެ މަނިކުފާނަށް ވޯޓް ދޭން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރު ކުރެއްވި ޓްވީޓެއްގައި ރިޔާސީ އިންތިހާބުގައި އެންމެ ގިނަވެގެން ވެސް ރައީސަށް ލިބަވަޑައިގަންނަވާނީ 40،000 ވޯޓް ކަމަށާއި އެއީ ވޯޓްލާ މީހުންގެ އެންމެ 15 ޕަސެންޓް ކަމަށެވެ.

އާޒިމަކީ މި ފަހުން ރައީސަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ މެމްބަރެކެވެ.

ރައީސް ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ ޕްރައިމަރީ އާޒިމް ތާއީދުކުރެއްވި ނަޝީދު ބޮޑު ތަފާތަކުން ބަލިކުރެއްވުމަށް ފަހު އެވެ. ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ.

ރައީސާއި އެ މަނިކުފާނަށް ތާއީދުކުރާ އެމްޑީޕީގެ މެމްބަރުން ބުނަމުން އަންނަނީ ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބު އެއް ބުރުން ކާމިޔާބުކުރާނެ ކަމަށެވެ. އަދި ރައީސްގެ ވެރިލަމުގެ ފުރަތަމަ ދައުރަކީ ރާއްޖެ އަށް އެތައް ގޮތަކުން ތަރައްގީ އާއި ކުރިއެރުން ގެނެސްދީފައިވާ ދައުރެއްގެ ގޮތުގައި ސަރުކާރުން އަންނަނީ ފާހަގަކުރަމުންނެވެ.