އައްޑޫ ސިޓީ ކައުންސިލްގެ މުވައްޒަފުންގެ ހެލްތު އިންޝުއަރެންސް ސްކީމް ހަމަޖައްސައި ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ބުނީ މިކަމަށް ކުރިމަތިލެވޭނީ އިންޝުއަރެންސްގެ ހިދުމަތްދޭ ރާއްޖޭގެ ކުންފުނިތަކަށް ކަމަށެވެ. އެހެންވެ ޝައުގުވެރިވާ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ. ބީލަމުގައި ބައިވެރިވާން މި މަހުގެ 27 ގެ މެންދުރު ފަހުގެ 2:00 ގެ ކުރިން ރިޖިސްޓްރީކުރަން ޖެހެ އެވެ.
ކައުންސިލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން އިންޝުއަރެންސް ސްކީމަށް ތައާރަފުކުރަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އެވެ. އަދި އެކަމަށް "އައްޑޫ ޓްރަސްޓް ފަންޑް" އިން މިލިއަން ރުފިޔާގެ ލޯނެއް ނަގަން ވެސް ނިންމާފައިވެ އެވެ.
ކައުންސިލުން އޭރު ބުނެފައިވާ ގޮތުގައި އެ އިންޝުއެރެންސް ސްކީމްގައި ބައިވެރިވާން ބޭނުންވާ މުވައްޒަފުންނަށް އެކަމަށް ހުޅުވައިލާނެ އެވެ.
މި ސްކީމާ ބެހޭ ގޮތުން މޭޔަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ މި ސްކީމްގެ ދަށުން ބޭރުގެ ތިން ގައުމަކުން ކައުންސިލް އިދާރާގެ މުވައްޒަފުންނަށް ހެލްތު އިންޝޫރެންސް ލިބޭނެ ކަމަށެވެ. އެއީ އިންޑިއާ އާއި ލަންކާގެ އިތުރުން ތައިލެންޑެވެ. އޭނަ ވިދާޅުވެފައި ވަނީ މީގެ ސަބަބުން އާސަންދަ ނުލިބޭ ބަލިތަކަށް ކައުންސިލްގެ އިންޝޫރެންސް ޕެކޭޖުގެ ސަބަބުން މުވައްޒަފުންނަށް ފަރުވާ ހޯދުމުގެ ފުރުސަތު ފަހިވެގެން ދާނެ ކަމަށެވެ.