Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ޓިކެޓް ޖަލްސާގައި ނަޝީދު ނެތުމަކީ ހުތުރު ކަމެއް

އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ހަވާލުކުރަން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާ އަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވަޑައިނުގަތުމަކީ ވަރަށް ދެރަވަރު ހުތުރު އަމަލެއް ކަމަށް މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

ނަޝީދު ވަނީ ޕްރައިމަރީގައި ރައީސާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން ރިޔާސީ އިންތިހާބުގައި ރައީސަށް ތާއީދު ނުކުރަން ވެސް ނިންމަވައިފަ އެވެ. އަދި އެމްޑީޕީގެ ތެރޭގައި "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ސިޔާސީ ހަރަކާތެއް ހިންގަވަން މިހާރު ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.

ނަޝީދުގެ މި އަމަލުތަކަށް އިޝާރާތް ކުރައްވައި މަވޯޓާ މިއަދު ވިދާޅުވީ ޕާޓީގެ ރައީސް މަގާމުގައި ހުންނަވައިގެން، ކެންޑިޑޭޓަށް ރިޔާސީ ޓިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތަށް ވަޑައިނުގަތުމަކީ ހުތުރު ކަމެއް ކަމަށެވެ.

"ޑިމޮކްރަސީގެ ރީތި ހަމަތައް ގަބޫލުކުރާ ކޮންމެ މީހަކު އިންތިހާބެއްގައި ބަލިވެއްޖެ ނަމަ ބަލި ގަބޫލުކުރާނެ." އޭނާ ވިދާޅުވި އެވެ.

މަވޯޓާ ވިދާޅުވީ އެމްޑީޕީ ވިޔަސް އަދި އެހެން ޕާޓީއެއް ވިޔަސް އެ ޕާޓީގެ ރައީސްގެ މަގާމާއި އެހެނިހެން އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ޕާޓީ ކުރިއަރުވައި، ވެރިކަން ހޯދައި ދޭން މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ.

"އެ ނޫން ގޮތަކަށް އެކަން ކުރުމަށް އެއްވެސް ޕާޓީއެއްގެ އަސާސީ ގަވާއިދު ތަނެއް ވެސް ނުދޭ." އޭނާ ވިދާޅުވި އެވެ.

ރައީސް ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވަން އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވީ ޕްރައިމަރީ އާޒިމް ތާއީދުކުރެއްވި ނަޝީދު ބޮޑު ތަފާތަކުން ބަލިކުރެއްވުމަށް ފަހު އެވެ. ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގަތީ 15،641 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 38.90 ޕަސެންޓެވެ. ރައީސަށް ލިބިވަޑައިގަަތީ 24،566 ވޯޓެވެ. އެއީ ވޯޓްލީ މީހުންގެ 61.10 ޕަސެންޓެވެ.

ޓިކެޓް ހަވާލުކުރަން ބޭއްވި ޖަލްސާގައި ނަޝީދަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ ހިޔާލު ތަފާތުވުންތަކެއް ހުއްޓަސް މި ވަގުތަކީ ޕާޓީގެ އެންމެން އެކީގައި މަސައްކަތްކޮށް، ވެރިކަން ހޯދަން މަސައްކަތްކުރަން ޖެހޭ ވަގުތެއް ކަމަށެވެ.