ތާރީހީ ހާދިސާތައް ރިސާޗް ކުރުމަކީ ވަރަށް ފޫހި ކަމެއް ކަމަށާއި އެކަމަކު އެފަދަ ހާދިސާއަކަށް ފިލްމެއް ހަދާ ނަމަ އެންމެ ބޮޑަށް އިސްކަން ދެނީ އެ ދުވަސްވަރެއް ވީހާ ވެސް ބޮޑަށް ސިފަކޮށްދޭން ކަމަށް ބޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ބުނެފި އެވެ.
ނެޓްފްލިކްސްއާ ގުޅިގެން އޭނަ ހަދާ ސީރީޒް "ހީރާމަންޑީ" ގެ ފަސްޓްލުކް ޕޯސްޓަރު ދައްކައިލަން އިއްޔެ ބޭއްވި ހަފުލާގައި މި ފަހުން މުޅިން ވެސް ތާރީހީ އެކިއެކި ހާދިސާތަކެއް ފިލްމު ހަދަމުން ޑައިރެކްޓަރު ބުނީ ފިލްމު ހަދާ މީހެއްގެ ހައިސިއްޔަތުން އޭނަ އެންމެ ބޮޑަށް މަސައްކަތްކުރަނީ ކޮންމެހެން ތާރީހުގައި ސީދާ ކަންކަން ހިނގާފައިވާ ގޮތަށް ހާދިސާތައް ގެނެސްދޭން ނޫން ކަމަށެވެ.
އޭގެ ބަދަލުގައި ތާރީހީ ހާދިސާއަކަށް ބިނާކޮށް ފިލްމެއް ހަދާ އިރު، އޭގެ އަސްލު ނުގެއްލޭނެހެން، ފިލްމަކަށް ބޭނުންވާ ހުރިހާ ކަމެއް އޭގެ ތެރެއަށް ގެންނަން އިސްކަންދޭ ކަމަށް މިދިޔަ އަހަރު "ގަންގޫބާއީ ކަތިއަވާޅީ" ގެނެސްދިން ޑައިރެކްޓަރު ބުންޏެވެ.
"އަހަރެން ހަދަނީ ސީދާ ކަން ހިނގި ގޮތް ދައްކުވއިދޭން ޑޮކިއުމަންޓަރީތަކެއް ނޫން. އެހެންވީމަ ފީޗާ ފިލްމެއް ހަދާ އިރު، ބެލުންތެރިން ޝައުގުވެރިކަން ހޯދޭނެ ފިލްމީ އެތައް ކަމެއް އެބަޖެހޭ ފީޗާ ފިލްމަކަށް ގެންނަން،" ބަންސާލީ ބުންޏެވެ. "އެހެންވެ ހަގީގަތުގައި ތާރީހީ ހާދިސާތައް މާ ބޮޑަށް ރިސާޗްކޮށް އޭގެ އެންމެ ފުންމިނަށް ފިލްމީ ހަދާ މީހެއްގެ ހައޮސިއްޔަތުން ދިއުމަކީ އަހަރެން ފޫހިވާ ކަމެއް. އޭގެ ބަދަލުގައި އަހަރެން އިސްކަން ދެނީ އެ ދުވަސްވަރެއް ވީހާ ވެސް ފުރިހަމަކޮށް ސިފަކޮށްދޭން."
ނަމަވެސް ތާރީހީ ހާދިސާތަކަށް ފިލްމު ހަދާ އިރު، ފަރުވާތެރިވުމަކީ އިންޑިއާ ކަހަލަ ގައުމެއްގައި ވަރަށް ފަރުވާތެރިވާން ޖެހޭ ކަމެއް ކަމަށް ބަންސާލީ ބުންޏެވެ.
"އެހެންވީމަ އެބަޖެހޭ ކަންކަމުގެ ހަގީގަތާ ހަމައަށް ދާން." އޭނާ ބުންޏެވެ.
ބަންސާލީ އަކީ ތާރީހު އޮޅުވާ މީހެއް ކަމަށް ބުނެ މީގެ ކުރިން އެތައް އިންޒާރަކާ ކުރިމަތިލާން ވެސް ޖެހުނު ޑައިރެކްޓަރެކެވެ. އެގޮތުން 2018 ގެ "ޕަދުމާވަތު" ތާރީހު އޮޅޭ ގޮތަށް ހަދާފައިވާ ކަމަށް ބުނެ، އެ ފިލްމުގެ މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރު ހިންދޫންގެ ހަރުކަށި ފިކުރުގެ ބަޔަކު ފިލްމުގެ ސެޓަށް ވަދެ އެތައް ހަމަނުޖެހުމެއް ހިންގައި ގެއްލުން ވެސް ދީފައިވެ އެވެ. އަދި ބަންސާލީ އާއި ފިލްމުގެ ތަރިންނަށް މަރުގެ އިންޒާރު ވެސް ދީފައިވެ އެވެ.
މި ފަހުން ތާރީހީ ހާދިސާތަކަށް ބަންސާލީ ގެނެސްދިން ފިލްމުތަކުގެ ތެރޭގައި "ގަންގޫބާއީ" އާއި "ޕަދުމާވަތު" ގެ އިތުރުން "ބަޖިރާއޯ މަސްތާނީ" ހިމެނެ އެވެ. އަދި އޭނަގެ ސީރީޒް "ހީރާމަންޑީ" އަކީ ވެސް މިފަދަ ޕްރޮޖެކްޓެކެވެ. މީގައި ދައްކުވައި ދޭނީ އިންޑިއާ އަށް މިނިވަންކަން ލިބުމުގެ ކުރިން އަދި ގައުމު ބައިބައިވުމުގެ ކުރިން، ލާހޯރްގެ ރެޑް ލައިޓް އޭރިއާގައި އުޅުނު ޝާހީ ޖާރިޔާއިންގެ ވާހަކަ އެވެ.