Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

ޓްރާންސްޕޯޓްގެ ހުރިހާ ޙިދުމަތެއް މިހާރު ހުޅުމާލެ އިން

ޓްރާންސްޕޯޓް މިނިސްޓްރީން ދެމުން އައި ހުރިހާ ޙިދުމަތެއް ހުޅުމާލޭގައި ޤާޢިމްކޮށްފައިވާ އުމުރުޒާހިރު އޮފީސް އިމާރާތައް ބަދަލުކޮށް މިއަދުން ފެށިގެން ޙިދުމަތް ދޭން ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފިއެވެ.

ހުޅުމާލޭގައި ޤާއިމްކޮށްފައިވާ އުމަރު ޒާހިރު އޮފީސް އިމާރާތައް ޓްރާންސްޕޯޓް މިނިސްޓްރީގެ ބަދަލުކުރުމަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު 14:00 އިން ފެށިގެން ޙިދުމަތްތައް ވަނީ މެދުކަނޑަލާފައެވެ. އެގޮތުން ލައިސެންސް ޙިދުމަތް ފިޔަވައި މިނިސްޓްރީން ދެމުން އައި ހުރިހާ ޙިދުމަތެއް މި ހަފްތާ ބަނދުތެރެއަށް ވަނީ މެދު ކަނޑާލާފައެވެ. މީގެ ތެރޭގައި މިނިސްޓްރީގެ އޮންލައިން ޕޯޓަލްއިން މެދުވެރިކޮށް ދެމުން އައި އެކި ޙިދުމަތްތައް ހިމެނެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޙިދުމަތްތައް މެދު ކަނޑާލީ މިނިސްޓްރީގެ ޙިދުމަތް ދެމުން އައި ސާވާ މެދުކަނޑާނުލައި ޙިދުމަތް ކުރިއަށް ގެންދެވެން ނެތުމުގެ ސަބަބުންނެވެ.

ނަމަވެސް މިހާރު އޮފީސް ބަދަލުކުރުމުގެ މަސައްކަތް ނިމުމާއިއެކު މިނިސްޓްރީގެ ކައުންޓަރުން ލިބެމުން އައި ހުރިހާ ޙިދުމަތެއް އުމަރު ޒާހިރު އޮފީސް އިމާރާތުގެ ގްރައުންޑް ފްލޯގައި ހުރި ޓްރާންސްޕޯޓް މިނިސްޓްރީގެ ކައުންޓަރުން ލިބެމުންދާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަކިން ހާއްސަ ފްލޯއެއް މި އިމާރާތުގައި ހުންނައިރު މިނިސްޓްރީ ހިންގާނީ ތިންވަނަ ފަންގިފިލާގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދާދި ފަހުން ޑިޖިޓަލް ލައިސެންސް ކާޑު ތަޢާރަފްކޮށްފައިވާއިރު، މިނިސްޓްރީގެ ގިނަ ޙިދުމަތްތަކަށް އޮންލައިންކޮށް ލިބޭނެ އިންތިޒާމު އެމިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.