Last Updated: June 22, 20:19
Monday, June 22, 2026
ޚަބަރު

ޔޫކޭ އިން އަންނަ ޓޫރިސްޓުން އިތުރު ވަނީ

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ 10 ގައުމުގެ ލިސްޓްގެ ތިން ވަނައިން އިނގިރޭސިވިލާތަށް ޖާގަ ހޯދައިފި އެވެ.

އަހަރު ފެށުނު އިރު އެ ގަައުމު ހަތަރު ވަނައިގައި އޮތް ނަމަވެސް ދުވަހުން ދުވަހަށް އަންނަ ޓޫރިސްޓުން އިތުރުވެ، އެ ގައުމު ލިސްޓްގެ ތިނަކުން ޖާގަ ހޯދި އިރު، މި މަހުގެ 15 އާ ހަމައަށް އިނގިރޭސިވިލާތުން ރާއްޖެ އަށް 25،396 ޓޫރިސްޓުން އައިސްފައިވެ އެވެ.

މީގެ އަހަރުތަކެއް ކުރިން އެ ގައުމަކީ ރާއްޖޭގެ އެންމެ ބޮޑު މާކެޓެވެ. ނަމަވެސް އެހެން ގައުމުތަކުން ރާއްޖެ އަށް އަންނަ ޓޫރިސްޓިން ވަރަށް ބޮޑަށް އިތުރުވެ، އެއް ވަނަ މާކެޓްގެ މަގާމު އިނގިރޭސިވިލާތަށް ގެއްލިފައިވާތާ މިހާރު އަހަރުތަކެއް ވެދާނެ އެވެ.

މި އަހަރު ފެށުނު ފަހުން ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަނީ ރަޝިއާއިންނެވެ. މި މަހުގެ 15 އާ ހަމައަށް އެ ގައުމުން 34،128 ޓޫރިސްޓުން އައިސްފައިވާ އިރު، އެ މުއްދަތަށް ރާއްޖެ އަށް ޖުމްލަ އައި ޓޫރިސްޓުންގެ އަދަދަކީ 267،507 އެވެ.

މިހާރު ޓޮޕް 10 މާކެޓަށް ބަލާ އިރު، އަހަރު ފެށުނު އިރު، ކުރިން ދެވަނަގައި އޮތް އިޓަލީ މިހާރު ވަނީ ހަތެރަކަށް ވެއްޓިފަ އެވެ. އަދި ކުރިން ތިން ވަނައިގައި އޮތް އިންޑިއާ މިހާރު އޮތީ ދެވަނައިގަ އެވެ. އެ ގައުމަކީ މިދިޔަ އަހަރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.

މި އަހަރު ފެށުނު ފަހުން ރާއްޖޭގެ ޓޮޕް 10 މާކެޓަކީ ރަޝިއާ، އިންޑިއާ، އިނގިރޭސިވިލާތް، އިޓަލީ، ޖަރުމަން، ފްރާންސް، އެމެރިކާ ޗައިނާ، ސްވިޓްޒަލޭންޑް އަދި ޕޮލޭންޑެވެ. ކޮވިޑަށް ފަހު ތިން އަހަރު ފަހުން ޗައިނާ ޓޫރިސްޓުން ރާއްޖެ އަންނަން ފެށީ މިދިޔަ މަހުގެ 18 އިން ފެށިގެންނެވެ.