މަސްވެރިންނަށް ފައިސާ ދިނުމުގައި މިހާރުވެސް ބައެއް ފަހަރު ގޮންޖެހުންތައް ހުންނަ ކަމަށާއި، ނަމަވެސް އަމާޒަކީ ހަފްތާއެއްގެ ތެރޭ ފައިސާ ދިނުން ކަމަށް މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވެއްޖެއެވެ.
މިފްކޯގެ މަސައްކަތާއި ގުޅޭގޮތުން ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވަނީ މިދުވަސްވަރަކީ ރާއްޖޭގެ މަސްވެރިކަން ރަނގަޅު ދުވަސްވަރެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. މިގޮތުން ހާއްސަކޮށް ދެކުނުގެ މަސްވެރިން މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް މިދުވަސްވަރު ރަނގަޅު ކަމަށް ވިދާޅުވިއެވެ. މިގޮތުން މިދުވަސްވަރު އެވްރޭޖްކޯށް ދޯންޏަކުން 50 ޓަނަށް ވުރެ ގިނައިން މަސް ކިރުވުމަށް އަންނަކަން މިފްކޯއިން ފާހަގަ ކުރިއެވެ.
މިގޮތަށް މަސްވެރިކަން ރަނގަޅުވެފައިވާ ދުވަސްވަރެއްގައި މަސްވެރިންނަށް އަވަހަށް ފައިސާ ނުލިބި ލަސްވުމަކީ އަބަދުވެސް މަސްވެރިންގެ ކަންބޮޑުވުމެކެވެ. މިމައްސަލައަށް އިޝާރާތް ކުރައްވާ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، މިހާރު އަމާޒަކީ ހަތް ދުވަހުގެ ތެރޭ މަސްވެރިންނަށް ފައިސާ ދިނުން ކަމަށެވެ.
" މިހާރު އަޅުގަނޑުމެން މިބަލަނީ މަސްކިރުވާތާ ހަފްތާއެއްގެ ތެރޭ؛ 7 ދުވަހުގެ ތެރޭ ފައިސާ ދެވޭތޯ. އެމަސައްކަތް އަޅުގަނޑުމެން ޓީމުތަކުން ކުރާއިރު ބައެއް ފަހަރު ގޮންޖެހުންތަކެއް ހުރޭ " އިސްމާއިލް ވިދާޅުވިއެވެ. " އަބަދުވެސް މި ދޭތެރޭ ދާ މުއްދަތް މަދުކުރެވޭތޯ ބަލަން "
މިފްކޯއިން ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހުކުރު ދުވަހުގެ ނިޔަލަށް، 12000 ޓަނުގެ މަސް ކިރުވާފައިވާއިރު 198 މިލިއަން ރުފިޔާ މިއަހަރު މިހާތަނަށް ދޫކޮށްފައިވާކަން ހާމަކުރެއެވެ. މިއަހަރު ފެށިގެން އައިއިރު މަސްވެރިކަން ރަނގަޅަށް ގޮސް ޖެނުއަރީ މަހު ފަހުކޮޅު ދަށްވެގެން ދިޔަޔަސް މިހާރު ފެބްރުއަރީ މަހުގެ ތެރޭ ވަރަށް ބޮޑަށް ރަނގަޅު ވެފައިވާކަން މިފްކޯއިން ފާހަގަ ކުރެއެވެ.