Last Updated: June 8, 20:40
Monday, June 8, 2026
ޚަބަރު

އައްޑޫގެ 1،000 ގޯއްޗަށް 800 އަށް ވުރެ ގިނަ ފޯމް

އައްޑޫސިޓީގެ 4 އަވަށަކުން 1000 ގޯތި ދޫކުރުމަށް އައްޑޫސިޓީ ކައުންސިލުން ނިންމާފައިވާއިރު މިހާތަނަށް 800 އަށް ވުރެ ގިނަ ފޯމް ހުށަހަޅާފައިވާކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.

އައްޑޫސިޓީ ކައުންސިލުން އައްޑޫލައިވްއާއި ހިއްސާކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނަ މީހުން މިއަދާއި ހަމައަށް އައިއިރު އެޕްލައިކޮށްފައިވަނީ 500 ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ހިތަދޫއިންނެވެ. ހިތަދޫގެ ދޫކުރުމަށް ހަމަޖެހިފައިވާ 500 ގޯއްޗަށް މިހާތަނަށް 449 މީހުން އެޕްލިކޭޝަން ފޯމް ހުށަހަޅުއްވާފައިވާ ކަމަށް އައްޑޫސިޓީ ކައުންސިލުން ހާމަކުރެއެވެ. ހިތަދޫގެ 500 ގޯއްޗަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 5 ވަސް ދުވަސް ކަމަށް އައްޑޫސިޓީ ކައުންސިލުން ބުނެއެވެ.

ދެން އެންމެ ގިނަ މީހުން ކުރިމަތިލާފައިވަނީ 300 ގޯތި ދިނުމަށް ހަމަޖެހިފައިވާ ފޭދޫއިންނެވެ. މިގޮތުން 300 ގޯއްޗަށް މިހާރުވެސް 290 މީހުން ހުށަހަޅާފައިވާކަން ސިޓީ ކައުންސިލުން ހާމަކުރެއެވެ. ފޭދޫ އަކީ ބިމުގެ ދަތިކަން ކުރިމަތިވުމުން މިދިޔަ ދައުރުގައި ހިއްކާފައިވާ ރަށެކެވެ. ފޭދޫ ބިން ދޫކުރާނީ ފޭދޫ ހިއްކި ބިމުންނެވެ. ފޭދޫގެ ބިމަށް ކުރިމަތިލުމުގެ އެންމެ ފަހު ވަގުތަކީ މިމަހުގެ 28 ވަނަ ދުވަސް ކަމަށް ސިީޓީ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.

ފޭދޫ މަތިން ފެންނަ ގޮތް. ފޮޓޯ: އަހުމަދު އާއިޝް ނަސީރު/ އައްޑޫ ލައިވް

އައްޑޫސިޓީ ކައުންސިލުން ވަނީ ވަކިން އޮތް މީދޫ އަދި ހުޅުދޫއިންވެސް ބިމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން މިއިން ކޮންމެ ރަށަކުން 100 ގޯތި ދޫކުރާއިރު ހުޅުދޫއިން، 48 މީހުން އަދި މީދޫއިން 42 ފަރާތެއް ގޯއްޗައް އެދި ފޯމް ހުށަހަޅާފައިވެއެވެ. މި ދެ ރަށުންވެސް ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރިޙަކީ މިމަހުގެ 28 ވަނަ ދުވަހެވެ.

ބިންތަކަށް މިހާތަނަށް 830 ފޯމް ހުށަހަޅާފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭ ފޯމްތަކުގެ މައުލޫމާތު ސާފުކޮށް ފޯމްތައް އިވެލިއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ. މިއީ މިފަހުން ބިން ދޫކުރުމަށް އައްޑޫއިން ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތެވެ.

އައްޑޫއިން ބިން ދިނުމަށް ގިނަ ދުވަސްތަކެއް ފަހުން އިއުލާންކޮށްފައިވާއިރު، އައްޑޫގެ ބިން ހިއްކުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށް އެބަދެއެވެ. މިއީވެސް އައްޑޫގެ އަވަށްތަކަށް ބިން އިތުރުކޮށް މިހާރު ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ހައްލު ހޯދައިދިނުމަށް ސަރުކާރު ކުރަމުންދާ މަސައްކަތެކެވެ.