Last Updated: July 16, 13:04
Thursday, July 16, 2026
ކުޅިވަރު

މެސީ ފަހު ވަގުތު ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި މިއަދު ފަހު ވަގުތު ލިއޮނަލް މެސީ ޖެހި ގޯލުން 4-3 އިން ޕީއެސްޖީން ލިލް އަތުން މޮޅުވެއްޖެ އެވެ.

މި މޮޅާ އެކު ޕީއެސްޖީން ވަނީ ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފަ އެވެ. ޕީއެސްޖީ އަށް 24 މެޗުން 57 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް މާސޭ އަށް ވަނީ 23 މެޗުން 49 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް މޮނާކޯ އަށް ލިބިފައިވަނީ 24 މެޗުން 48 ޕޮއިންޓެވެ.

ޕީއެސްޖީގެ ދަނޑުގައި ކުޅުނު މި މެޗުގެެ ފުރަތަމަ 20 މިނެޓްތެރޭ ޕީއެސްޖީން ވަނީ ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ. މި ދެ ގޯލު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އާއި ނޭމާ އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޑިއާކިޓޭ ވަނީ ލިލް އަށް ގޯލެއް ކާމިާޔބުކޮށްދީ ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.

ޕީއެސްޖީ ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނު އިރު މެޗުގެ 58 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޑޭވިޑް ވަނީ ލިލް އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. އަދި މެޗުގެ 69 ވަނަ މިނެޓްގައި ބަމްބާ ވަނީ ލިލްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ކޮޅަށް ނަތީޖާ އަނބުރާލާފަ އެވެ.

ޕީއެސްޖީން ނަތީޖާ އެއްވަރުކުރީ މެޗުގެ 87 ވަނަ މިނެޓްގައި އެމްބާޕޭ ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުން ޕީއެސްޖީ މޮޅުވި ގޯލު މެސީ ކާމިޔާބުކޮށްދިނީ މެޗުގެ އެންމެ ފަހު ވަގުތުކޮޅުތެރޭގަ އެވެ. މެސީ މި ގޯލު ކާމިޔާބު ކުރީ ލިލްގެ ޕެނަލްޓީއޭރިއާގެ ބޭރުން ލިބުނު ހިލޭޖެހުމަކުންނެވެ.

މި މެޗުން ޕީއެސްޖީ މޮޅުވި އިރު އެޓީމުގެ ފޯވާޑް ނޭމާ އަދި ޒުވާން ފުލްބެކް ނޫނޯ މެންޑޭސް އަށް ވަނީ އަނިޔާވެފަ އެވެ. ނޭމާގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ދަނޑުން ބޭލީ އަށިގަނޑުގައިކަން ފާހަގަކޮށްލެވެ އެވެ.

ފްރެންޗް ލީގުގައި ޕީއެސްޖީ ދެން ބައްދަލުކުރާނީ މާސޭއާ އެވެ.