އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މާކަސް ރަޝްފޯޑްގެ ދެ ގޯލާ އެކު މެންޗެސްޓާ ޔުނައިޓެޑުން 3-0 އިން ލެސްޓާ ސިޓީ ބަލިކޮށްފި އެވެ.
މި މޮޅާއެކު ޔުނައިޓެޑް އޮތީ 24 މެޗުން ލިބުނު 49 ޕޮއިންޓާ އެކު ލީގުގެ ތިންވަނައިގަ އެވެ. ދެވަނައިގައި 24 މެޗުން ލިބުނު 52 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު އެއްވަނައިގައި 23 މެޗުން ލިބުނު 54 ޕޮއިންޓާ އެކު އޮތީ އާސެނަލް އެވެ.
ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ލެސްޓާ އަށް ލީޑު ނަގައިދޭން އެޓީމުގެ ހާވީ ބާންސް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް ޔުނައިޓެޑްގެ ޕެނަލްޓީއޭރިއާ ތެރޭ ހުރެ އޭނާ ފޮނުވާލި ހަމަލާ ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ވަނީ މަތަކޮށްފަ އެވެ. އަދި ލެސްޓާގެ ފޯވާޑް ކެލެޗީ އިހެނާޗޯ ބޮލުން ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް ޑެހެޔާ ވަނީ ދިފާއުކޮށްފަ އެވެ.
އެ ފުރުސަތުތަކުގެ ބޭނުން ލެސްޓާ އަށް ނުހިފުނު އިރު މެޗުގެ 25 ވަނަ މިނެޓްގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ލީޑު ނަގާދީފަ އެވެ. ރަޝްފޯޑް މި ގޯލު ކާމިޔާބު ކުރީ ލެސްޓާގެ ޕެނަލްޓީއޭރިއާ ތެރެއަށް ވަނުމަށް ފަހު ފޮނުވާލި ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ.
ޔުނައިޓެޑްގެ ދެވަނަ ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ވެސް ރަޝްފޯޑެވެ. މި މެޗުގައި ޖެހި ދެ ގޯލާ އެކު މި ސީޒަނުގައި ރަޝްފޯޑް ކާމިޔާބު ކުރި ގޯލުގެ އަދަދު ވަނީ 24 އަށް އަރާފަ އެވެ. ޔުނައިޓެޑްގެ ތިންވަނަ ގޯލު މެޗުގެ 61 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ކުޅެން އެރި ޖޭޑަން ސަންޗޯ އެވެ.
ލީގުގައި އެންމެފަހުން ޔުނައިޓެޑުން ކުޅުނު 22 މެޗުގެ ތެރެއިން 15 މެޗުން އެޓީމު ވަނީ މޮޅުވެފަ އެވެ. ޔުނައިޓެޑް ބަލިވީ އެންމެ ތިން މެޗުންނެވެ.
ލީގުގައި ޔުނައިޓެޑުން ދެން ބައްދަލުކުރާނީ ލިވަޕޫލްއާ އެވެ.