ތިލަފުށިން ބިންދޭނީ އެފްޑީއައި ޕޮލިސީއާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖޭގައި ރެޖިސްޓްރީކޮށްފައިވާ ބޭރުގެ ކުންފުނިތަކަށް ކަމަށް ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފި އެވެ.
ތިލަފުށިން ބިން ވިއްކާއިރު ބޭރު ވިޔަފާރިތަކަށް 99 އަހަރަށް ބިން ދެވޭ ގޮތަށް އުސޫލުގައި އޮތުމުން އިދިކޮޅު ފަރާތްތަކުން އަދި ބައެއް އާންމުންގެ ފަރާތުންވެސް ވަނީ ފާޑުކިއުން އާމާޒުވެފައެވެ. މިމައްސަލާގައި ސަރުކާރުން މިވަނީ ބޭރުގެ ވިޔަފާރިތަކަށް ބިން ދޭން ނިންމި ސަބަބު ހާމަކޮށްފައެވެ.
އެގޮތުން އެޗްޑީސީން ނޫސް ބަޔާނެއްގައިވާ ގޮތުން ތިލަފުށިން ބިން ހޯދުމަށް 100 ޕަސެންޓް ދިވެހިންގެ ހިއްސާ އޮންނަ ކުންފުނިތަކަށް އެއްވެސް ހުރަހެއް ނެތެވެ. އަދި ބޭރު ވިޔަފާރިތަކުގެ ތެރެއިން ބީލަމުގައި ބައިވެރިވެވޭނީ ވަކި ޝަރުތުތަކެއް ހަމަވާ ވިޔަފާރިތަކަށް ކަމަށް އެޗްޑީސީން މިވަނީ ބުނެފައެވެ. އެގޮތުން، ފޮރިން ޑިރެކްޓް އިންވެސްޓްމެންޓް ޕޮލިސީ ދަށުން އެފަރާތުން ކުރާ ގަސްތުކުރާ ވިޔަފާރި ކުރުމަށް އެފަރާތްތަކުގެ އަތުގައި ހުއްދަ ހުށަހަޅާ އިރުވެސް އޮންނަންވާނެއެވެ. އަދި އެކުންފުންޏަކީ ރާއްޖޭގައި ވިޔަފާރިކުރުމަށް ރެޖިސްޓްރީވެފައިވާ ކުންފުންޏަކަށް ވާން ޖެހޭނެއެވެ.
މީގެ އިތުރުން ޕްރޮޖެކްޓް ނަގައިގެން ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ބޭރުގެ ކުންފުނިތަކަށް ފުރުސަތު ނުދޭން އެޗްޑީސީން ވަނީ ނިންމާފައެވެ.
އެޗްޑީސީން ހާމަކުރާ ގޮތުގައި، ތިލަފުށީ ބީލަމަށް ހުށަހާޅާ ފަރާތްތަކުގެ ޑޮކިއުމެންޓް ވެރިފައި ކުރުމަށް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރެވޭނެ ކަމަށެވެ.
ތިލަފުށި ހިއްކުމުގެ މަޝްރޫޢުގެ ދަށުން 150 ހެކްޓަރު ބިން ހިއްކާއިރު، އޭގެ ތެރޭއިން 4.3 ހެކްޓަރު ކުލިއަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން %90 ބިން ދޭނީ ދިވެހި ކުންފުނިތަކަށް ކަމަށް އެޗްޑީސީން ހާމަކުރެއެވެ.