Last Updated: April 25, 09:23
Thursday, April 25, 2024
މުނިފޫހިފިލުވުން

ކާމިޔާބު އަންހެނާ

(ޖޫން 11، 2014 ވަނަ ދުވަހުގެ ބަޔާ ގުޅޭ)

ހީނާ އާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ އެކަކު ވެސް ނެތެވެ. އެކަމަކު އެ ހޮސްޕިޓަލުން ހީނާ އަށް އެންމެ ރަނގަޅު ފަރުވާދެމުން ދިޔަ އެވެ. ފަރުވާދޭކަށް ވަކި މީހެއް ބަލާން ނުޖެހޭނެ ކަމަށް އެ މީހުން ބުންޏެވެ. އެމީހުން ބޭނުން ވީ ބަލިމީހާގެ ފުރާނަ ސަލާމަތް ކުރާށެވެ.

އޮޕަރޭޝަން ޑޮކްޓަރު ބުނާ ގޮތުން ގަޑިއަކު އެއް ފަހަރު ހީނާ އަށް ބަލަން ޖެހޭނެ އެވެ. އިމްޕުރޫވްވެފަ އޮތީ ކިހާ ވަރަކަށްތޯ ބަލަން ޖެހޭނެ އެވެ.

މިހާރު ވެސް ޑޮކްޓަރުންގެ ޓީމުން މަސައްކަތް ކުރަމުން އެ ދަނީ ހީނާގެ ފުރާނަ ސަލާމަތް ކުރެވޭތޯ އެވެ. ހީނާ އޮތީ އެންމެ ނުރައްކާތެރި ހާލަތުގަ އެވެ. މަރުވުމާ ދިރިހުރުމާ މެދު ހަނގުރާމަ ކުރަމުން ދަނީ އެވެ. އޭނާ ނޭވާލަމުން އެ ދަނީ އިލެކްޓްރޯނިކް އެއްޗިހީގެ ބާރުގަ އެވެ.

ހީނާ ވިއްސައިގެން ގޮސް ވެއްޓިފައި އޮތީ ތަންކޮޅެއް ސަލާމަތީ ހިސާބެއްގައިކަމުން އޭނާ އެއްކޮށް އަނދައިގެން ނުދިޔައީ އެވެ. އެހެނަސް ވީގެއްލުން އިންތިހާޔަށް ބޮޑެވެ.

ނިޔުރޯސާޖަން ވަރުބަލިވެގެން އެންމެ ފަހުން މެންދުރަކާ ގާތްވި އިރު ހީނާގެ ކަންތައް އެހެން ޑޮކްޓަރުންގެ ޓީމަކާ ހަވާލުކޮށްފައި ނިދާލަން ދިޔައީ އެވެ. އެއިރު ވެސް ވަރަށް ބޮޑުވަރުވެފައިވާ 40 މީހުންނަށް އިތުރު ޑޮކްޓަރުން ހިންމަތާ އެކު ފަރުވާދެމުން ދިޔަ އެވެ.

ޕޮލިހުން ރިޕޯޓް ދިން ގޮތުގައި 90 އަށް މީހުންނަށް ތަފާތު އަނިޔާ ލިބިފައިވެ އެވެ. މަރުވެފައިވާ މީހުންގެ މިހާތަނަށް 70 ހަށިގަނޑު ނެގިފައި ވެ އެވެ. އަދިވެސް އިތުރު ހަށިގަނޑުތަކެއް ވާނޭކަމާ މެދު ޝައްކުވާ ކަމަށް ފުލުހުން ބުންޏެވެ.

އެރެ އާއި އެވަގުތަކީ އަނދިރިކަމާއި ބިރުވެރިކަން އައި ވަގުތަކާއި ދުވަހެކެވެ. ލަންކާއަކީ ޢާންމުކޮށް މިފަދަ ހާދިސާތައް ތަކުރާރުވާ ތަނެކެވެ.

ހަތަރު ގަޑި އިރު ފަހުން ނިޔުރޯސާޖަން އައިސް ހީނާ ބަލާލި އެވެ. އަދިވެސް އެ ޙާލުގައި ހީނާ ދިރި އޮތީތީ އޭނާ ހައިރާންވި އެވެ. ދެވަނަ ސީޓީ ސްކޭނެއް އޭނާ ހެދި އެވެ. ހީނާގެ ބޮލުގައި ހުރި ޒަޙަމް ހުރީ ހަމަ ހުރި ވަރަށެވެ. ރަނގަޅެއް ވެސް ނުވެ އެވެެ.

އެކަމަކު ހުރި ވަރަށް ވުރެ ބޮޑުވަރު ނުވާތީ އަދި އޮތީ އެވެ. އަދިވެސް ހީނާގެ ހާލަތާ މެދު އެއްޗެކޭ ބުނެވޭކަށް ނެތެވެ. ސިކުނޑި ވެސް ވަނީ އޭގެ ޖަގަހައިން ތެޅިލާފަ އެވެ. ހީނާގެ ހަނދާންތައް ހުންނާނޭ ކަމާ މެދު ހުރިހާ ޑޮކްޓަރުން ވެސް ސުވާލު އުފެދު ނެވެ.
ހީނާގެ މޫނުމަތީގަވާ ޒަޙަމް ފަހާ ރަނގަޅު ކުރެވުނެވެ.

"މި ވަރުވެފަވާ އިރު ވެސް މީނައަކީ ރީތި އަންހެނެއްކަން އެބަ އެނގޭ." ނިޔުރޯސާޖަން ހައިރާންވެފައި ބުންޏެވެ.

އެ މީހުން ކުރިން މި އަންހެން މީހާ ދެކެފައެއް ނުވެ އެވެ. އެކަމަކު ވެސް ހީނާގެ މޫނުގައި ކޮންމެވެސް ދަންނަ ގޮތެއް ވާކަން އޭނާ ފާހަގަ ކުރިި އެވެ. އޭނާ އަންދާޒާ ކުރާ ގޮތުން މި އަންހެން މީހާ އަށް ވާނީ 40 އަހަރު ނުވަތަ 45 އަހަރެެވެ.

އިތުރަށް އެންމެން ހައިރާންވީ ދެ ދުވަސްވެގެން ދިޔަ އިރު ވެސް އެއްވެސް މީހަކު މި އަންހެން މީހާ ދެކިލަން ވެސް ގެއްލިގެންވެ ސް ނައިމަ އެވެ. އެކަމަކު ކާކު ކަމެއް ނޭނގި މާ ގިނަ ދުވަހެއް ނުވާނެ ކަމަށް ޑޮކްޓަރުން ލަފާ ދިނެވެ.

ޖެހިގެން އައި ދުވަހަކީ ހޮނިހިރު ދުވަހެވެ. ނަމަވެސް ޑޮކްޓަރުން ވަރަށް ހީވާގިކަމާ އެކު މަސައްކަތް ކުރަމުންދިޔަ އެވެ. މިހާރު ޝިފްޓަށް ބަހައިގެން އެ މީހުން ބޮޑުވަރުވެފައި ތިބި މީހުންނަށް ފަރުވާ ދިނެވެ. ހީނާ އޮތީ އެންމެ ބޮޑުވަރުވެފައިވާ މީހުންގެ ޔުނިޓްގަ އެވެ.

އާދީއްތަ ދުވަހު ހީނާ އަށް މާ ބޮޑުވަރު ވާން ފެށި އެވެ. ފާޑެއްގެ ހުންގަނޑެއް ޖެހުނީ އެވެ. މިގޮތަށް ހުން އަންނާނެ ކަމަށް ކުރިން ވެސް ޑޮކްޓަރުން އޮތީ ލަފާކޮށްފަ އެވެ. އަންގާރަ ދުވަހާ ހަމައަށް ހީނާ އޮތީ ހުން ވެސް ގަދައަށް އައިސްފަ އެވެ.

އެއާ އެކު ސިކުނޑީގައި ދުޅަވެފައިވާ ތަން މަޑުމަޑުން ރަނގަޅުވަމުންދާ ކަމަށް ޑޮކްޓަރުން ބުންޏެވެ. އަދި މޫނުގައި ފަހާފައިވާ ތަން ވެސް މަޑުމަޑުން ރަނގަޅުވަމުން އަންނަކަން ފާހަގަ ވި އެވެ. އެތަން ރަނގަޅު ވިޔަސް ގައިމު ވެސް މުޅި ޢުމުރަށް ކޯމަތީ، އެ ލަކުނު ހުންނާނެ އެވެ.

މިހާރު ޑޮކްޓަރުން އެންމެ ހާސްވަނީ އޭނާގެ ސިކުނޑީގެ ކޮންޑިޝަން ނޭނގޭތީ އެވެ. އަދިވެސް އޭނާ ނޭވާލަމުން ދަނީ ރެސްޕިރޭޓަރުގެ އެހީގަ އެވެ.

އަދިވެސް ހީނާ އޮތީ ކޯމާގަ އެވެ. އެހެންވެ ސިކުނޑި އަށް ލިބިފައިވާ ގެއްލުން ދެނެ ގަންނަށް އުނދަގުލެވެ. އަދިވެސް އޭނާ ދިރި އޮންނާނެ ކަމާ މެދު ވެސް ޔަޤީންކަން ކުޑަ އެވެ.

ބުދަ ދުވަހާއި ބުރާސްފަތި ދުވަސް ވެސް ވެގެން ދިޔައީ ހަމަ އެ ކަހަލަ ގޮތަކަށެވެ. ކިރިޔަ ކިރިޔާ އޭނާ ދުނިޔޭގަ އޮތް ކަމެވެ. ޖެހިގެން އައި ހުކުރު ދުވަހަށް މި ހާދިސާ އަށް އެއް ހަފްތާ ވީ އެވެ.

ހީނާގެ އާ ސިޓީ ސްކޭނެއް ހެދި އެވެ. ކޮންމެވެސް ވަރަކަށް ރަނގަޅުވެފައިވާކަން ފާހަގަ ވިއެވެ. މިހާރު އެތާގައި ކާކުކަން ނޭނގި އޮތް ހަމައެކަނި ބަލި މީހަކީ ހީނާ އެވެ. މަރުވެފައިވާ މީހުންގެ ވާރިސުން އައިސް އެ މީހުންވެސް ގެންގޮސް ނިމިއްޖެ އެވެ.

ހިލްޓަންގެ ރޫމްބޯއި އެތަނުގައި އަލަށް އައި ދިވެހި ގެސްޓް މީހާ އެއް ހަފްތާ ވަންދެން އެއްގޮތަކަށް ވެސް ކޮޓަރިއަށް ވަދެ ނުލާތާގައި ނިދަން ވެސް ނައިސް އޭނާގެ ދަބަހާއި ޕާސްޕޯޓާއި ހުރިހާ ލިޔެކިޔުންތަށް ބަހައްޓާފައި ހުރި ވާހަކަ ފްރަންޓް އޮފީހަށް މަޢުލޫމާތު ދިނެވެ.

ހިލްޓަންގެ ހައުސްކީޕަރު އައިސް ހީނާގެ ރޫމް ބަލާލި އެވެ. އޭނާގެ ހުރިހާ އެއްޗެއް އެއްގޮތަކަށް ވެސް އަތް ވެސް ލައިފައެއް ނެތެވެ. ހުރިހާ ހެދުންތައް ވެސް އެޅުވި ގޮތަށް ހުއްޓެވެ. އެނދު ވެސް އެއްވެސް ފަހަރަކު ބޭނުންކޮށްފައިވާ ހެނެއް ހިއެއް ނުވެ އެވެ.

ބައެއް ދިވެހި ގެސްޓުން މި ކަހަލަ އާދަޔާޙިލާފު ކަންތައް ކުރެ އެވެ. ހިލްޓަން އަށް ޗެކްއިންކޮށްފައި ދިރިއުޅުން އެހެން ތަނެއްގައި ޙިޔާރު ކުރަނީ މަދެއްކޮށެއް ނޫނެވެ. ޙާއްސަކޮށް މުއްސަނދިން މިހެން ހަދަ އެވެ. (ނުނިމޭ)

ނޯޓް: މި ވާހަކައަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ޑެނިއަލް ސްޓީލްގެ "އޮނާ ދައިސެލްފް" އަސްލަކަށް ބަލައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކަ "އައްޑޫ ލައިވް" ގައި ޝާއިއު ކުރާނީ ކޮންމެ އަންގާރަ ދުވަހަކު އެވެ.