Last Updated: June 23, 19:16
Tuesday, June 23, 2026
ޚަބަރު

ގާސިމާ ބައްދަލުކުރީ ކޯލިޝަން މަޝްވަރާ އަށް

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހުގެ ފަރާތުން ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމާ އިއްޔެ ރޭ ބައްދަލުކުރެއްވީ ކޯލިޝަން ހެދުމާ ބެހޭ ގޮތުން މަޝްވަރާކުރައްވަން ކަމަށް އެ އެ ބައްދަލުވުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

ގާސިމްގެ ސަން އައިލޭންޑް ރިސޯޓްގައި ބޭއްވި ބައްދަލުވުމުގައި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަސްލަމާ އެކީ ދެން އެމްޑީޕީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ.

އެ ބައްދަލުވުމާ ބެހޭ ގޮތުން އަސްލަމް މީޑިއާއަކަށް ވިދާޅުވީ ރައީސް ސޯލިހު އިންތިހާބަށް ވާދަކުރައްވާ އިރު، ޖޭޕީން އެމްޑީޕީއާ އެކީ ކޯލިޝަން ހެދުމަށް ގާސިމާ އެކީ މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ. އެކަމަކު އޭގެ މާ ބޮޑު ތަފުސީލެއް ނުދެއްވައި އޭނަ ވިދާޅުވީ ބައްދަލުވުން ދިޔައީ ވަރަށް ޕޮޒިޓިވްކޮށް ކަމަށެވެ.

"މަޝްވަރާތައް ވެސް ވަރަށް ޕޮޒިޓިވް. އަދި ގާސިމް ވެސް ހުންނެވީ ވަރަށް ޕޮޒިޓްކޮށް." އަސްލަމް ވިދާޅުވި އެވެ.

ޖޭޕީ އަކީ މިހާރު ވެސް ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. އެ ކޯލިޝަންގައި އެމްޑީޕީއާ އެކީ ދެން ހިމެނެނީ އަދާލަތު ޕާޓީ އާއި އެމްއާރްއެމް އެވެ. މި ޕާޓީތައް ކޯލިޝަންގެ ގޮތުގައި ދެމިތިބުމަށް އެދިވަޑައިގެން ރައީސް އިއްޔެ ވަނީ ޕާޓީތަކަށް ސިޓީއެއް ވެސް ފޮނުއްވައިފަ އެވެ.

ރައީސްގެ ފަރާތުން ޖޭޕީގެ ލީޑަރާ ބައްދަލުކޮށް ކޯލިޝަން ހެދުމާ މެދު މަޝްވަރާތަކެއް ކުރެއްވި އިރު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ގާސިމް ވާދަކުރައްވަން ޕާޓީގެ ގިނަ ބަޔަކު ތާއީދުކޮށް، އެކަމަށް އަންނަނީ ގޮވައިލަމުންނެވެ. އަދި މި ހަފުތާގައި ބާއްވާ ޖޭޕީގެ ގައުމީ ޖަލްސާގައި އެކަމާ ގޮތެއް ނިންމާނެ އެވެ.

ރައީސްގެ ފަޅިން ގާސިމާ ބައްދަލުރެއްވި އިރު، ޕްރައިމަރީގައި އެ މަނިކުފާނާ ވާދަކުރައްވައި ބަލިވެވަޑައިގަތުމުން މިހާރު "ފިކުރެއްގެ ދިރުން" ގެ ނަމުގައި ސިޔާސީ ވަކި ހަރަކާތެއް ހިންގަވަން މަސައްކަތްކުރައްވަމުން ގެންދަވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް ބޭފުޅުންތަކެއް ރޭ ގާސިމާ ބައްދަލުކޮށްފައިވެ އެވެ.

ސަން އައިލެންޑްގައި ގާސިމާ ބައްދަލުކުރެއްވީ ގދ. ގެ ކުރީގެ މެމްބަރު މުހައްމަދު ރަޝާދު ހުސައިނާއި މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޒިމެވެ.

ޖޭޕީ އަކީ ރާއްޖޭގައި ތިން ވަނަ އަށް އެންމެ ބޮޑު ޕާޓީ އެވެ.