ޕީޕީއެމް ހުޅުމާލެ ދާއިރާގެ ރައީސް އަބްދުއްސަމަދު އިންޑިއާގެ އިމިގްރޭޝަނުން ހިފެހެއްޓި މައްސަލައިގައި ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ދެއްކެވި ވާހަކަތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފިއެވެ.
މި ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުޙައްމަދު ލަޠީފެވެ. މި ކުއްލި މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް 8 މެންބަރުން ވޯޓު ދެއްވިއިރު ބަލައިގަތުމާ ދެކޮޅަށް 31 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މެންބަރު ހުސައިންގެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ދިވެހި ދަރިއަކު ރާއްޖެއިން ބޭރުގައި އުފުލު ތަކުލީފަށް ރާއްޖޭގެ ދިފާއީ ވަޒީރުގެ މަޤާމުގައި ހުރި މާރިއާ އަހުމަދު ދީދީ ޖޯކު ޖައްސަވާ މަލާމާތްކޮށްފައިވާ ކަމަށެވެ.
ސަމަދަކީ ދިވެހި ސަލާމަތީ ހިދުމަތްތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރައްވައި ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށް ކުއްލި މައްސަލައިގައި ބުނެފައިވަނީ، އެފަދަ ދިވެހި ދަރިއަކާ މެދު ޑިފެންސް މިނިސްޓަރު ގެންގުޅުއްވީ ދަށު ދަރަޖައިގެ ބަސްމަގު ކަމަށެވެ.
"… ދިފާޢީ ވަޒީރަކީ މީގެ ކުރިންވެސް ދިވެހި ފުލުހުންނާއި ސިފައިންނަކީ ފިނދަނަތަކެއް ކަމަށް ސިފަ ކުރައްވާ، ޖޯކު ޖައްސަވާ ޢާންމު ގޮތެއްގައި ސިފައިންނާއި ފުލުހުންނަށް ބަދުބަސް ވިދާޅުވެފައިވާ ބޭފުޅަކަށްވާތީއާއި، މިފަދަ ބޭފުޅަކު މިމަޤާމުގައި ހުންނެވުމަކީ މިސަރުކާރުން ސިފައިންނާއި ފުލުހުންގެ އަގު ވަޒަން ނުކުރާ މިންވަރު ހާމަވާކަމަކަށްވާތީއާއި، ވަކި ޤައުމެއް ރުއްސުމަށްޓަކައި ސަރުކާރުގެ އެކި ފަންތީގެ މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އެ ޤައުމަށް ސަނާ ކިޔާ، ދިވެހި ރައްޔިތުން ނިކަމެތި ކުރަމުންދާ ދިއުމަކީ ބަލައިގަނެވޭ ކަމަކަށް ނުވާތީއާއި، .." ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.
ސަމަދަށް މަލާމާތްކޮށް ޖޯކު ޖައްސަވާ މިނިސްޓަރު މާރިޔާ ދެއްކެވި ވާހަކަތަކަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން މައާފަށް އެދުމަށް ކުއްލި މައްސަލައިގައި ގޮވާލާފައިވެއެވެ. އަދި މި ފަދަ މަޤާމެއްގައި ހުންނަވާ ދެއްކެވި ވާހަކަތަކާ ގުޅިގެން އެކަމަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ވެސް ގޮވާލާފައިވެއެވެ.