Last Updated: July 27, 10:03
Monday, July 27, 2026
މުނިފޫހިފިލުވުން

މަޔަކަށްވުމަކީ އެންމެ ބޮޑު އުފާ: އާލިއާ

މިހާރު އެންމެ ބޮޑު އުފާވެރި ކަމަކީ ދަރިއަލު ލިބ، މަޔަކަށްވުން ކަމަށް ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓް ބުނެފި އެވެ.

މިދިޔަ އަހަރުގެ އެޕްރީލްގައި އެކްޓަރު ރަންބީރް ކަޕޫރާ ކައިވެނިކޮށް، އާލިއާ އަށް ދަރިއަކު ލިބުނީ ނޮވެމްބަރި އެވެ. ދެ ތަރިންނަށް ލިބުނީ އަންހެން ކުއްޖެކެވެ. އެ ކުއްޖާ އަށް ކިޔާނީ ރާހާ ކަޕޫރެވެ.

ބަލިވެއިން އިން ދުވަސްވަރު މާބަނޑު މީހުންނަށް ހާއްސަ ހެދުން ކަލެކްޝަނަށް އަމިއްލަ ބްރޭނެއްގެ ގޮތުގައި ނެރުމަށް ފަހު، މިހާރު ތުއްތު ކުދިންނަށް ހާއްސަ ކަލެކްޝަނަށް ވެސް ނެރުނު ބަތަލާ ބުނީ މަޔަކަށްވުން ޗެލެންޖިން ކަމެއްގެ ގޮތުގައި ސިފަކުރަން ބޭނުން ނުވާ ކަމަށެވެ.

މަނީ ކޮންޓްރޯލް އަށް ދިން އިންޓައިއުއެއްގައި 29 އަހަރުގެ ބަތަލާ ބުނީ ކޮންމެ މީހެއްގެ ހަޔާތަކީ ވެސް އުނދަގޫ އަދި ގޮންޖެހުންތަކެއް ހުންނާނެ ކަމެއް ކަމަށެވެ. އެހެންވެ އެކަން ކޮންމެހެން ދަރިއަކު ލިބުމުން އެކަމާ ގުޅުވަން ނުޖެހޭ ކަމަށް ބުންޏެވެ.

"އަހަރެން ހަޔާތުގެ ކޮންމެ ދުވަހަކާ ވެސް ކުރިމަތިލަނީ ޗެލެންޖެއްގެ ގޮތުގައި. މިހާރު މަޔަކަށްވެފައިވާތީ އެކަން އަހަރެން ސިފަކުރަން ބޭނުން ވަނީ ހަޔާތަށް އައި ވަރަށް ބޮޑު އުފާވެރި ކަމެއްގެ ގޮތުގައި މިއީ. ހަގީގތުގައި ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އާލިއާ ބުންޏެވެ. "މަޔަކަށްވުމަކި އަންހެނެއްގެ ހަޔާތް ލޯބިން ފުރިފައި އޮތުން. އެހެންވެ ހަޔާތުގެ މި އާ ދަތުރަކީ އަހަރެންގެ ހަޔާތުގެ އެންމެ އުފާވެރި ދައުރަށް ވާނެ."

މިދިޔަ އަހަރު ހަތަރު ފިލްމަކުން ފެނުނު ބަތަލާގެ ދެ ފިލްމެއް މި އަހަރަށް އެބައޮތެވެ. އެއީ ޖުލައި 28 ގައި ގެނެސްދޭން "ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ" އާއި އޮގަސްޓް 11 ގައި ގެނެސްދޭ އާލިއާ ފުރަތަމަ ހޮލީވުޑް ފިލްމު "ހާޓް އޮފް ސްޓޯން" އެވެ.