Last Updated: June 8, 21:45
Monday, June 8, 2026
ޚަބަރު

އެމްޑީޕީގެ ސިޔާސަތު ތަންފީޒުކުރަން ގޮވާލައި ގަރާރެއް

މެންބަރު މުހައްމަދު ވަހީދު- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސަރުކާރުގެ ސިޔާސަތުތައް އެމްޑީޕީގެ ފިކުރާއި އަސާސްތަކާ އެއްގޮތަށް އަނބުރާލެއްވުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.

މި ގަރާރު މަޖިލީހަށް ހުށަހަޅާފައިވަނީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދުއެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ މި ގަރާރުގެ ފުރަތަމަ ކިޔުން އިއްވާފައެވެ.

ގަރާރުގައި ބުނެފައިވަނީ ވާދަވެރި ސިޔާސީ ޕާޓީތަކުން ވެރިކަން ހިންގާއިރު، އިންތިހާބުތަކަށް ނެރި އާއްމުކޮށް ވައުދުތަކުގެ ގޮތުގައި ރައްޔިތުންނަށް ހުށަހަޅާ ސިޔާސަތުތަކާއި މެނިފެސްޓޯއަކީ، ވޯޓުގެ ޒަރީއާއިން ރައްޔިތުންނާއެކު ހެދި ސޯޝަލް ކޮންޓްރެކްޓެއް ކަމަށެވެ. އަދި މިހާރު ހިނގަމުންދާ އެމްޑީޕީގެ ބޮޑު ހިއްސާއެއް އޮތް ސަރުކާރުން އެމްޑީޕީގެ މެނިފެސްޓޯއާއި ސިޔާސަތުތަކާ ވައުދުތަކާ ދިމާއިދިކޮޅަށް ހިންގަވާ ވެރިކަމުގެ ސިޔާސަތުތައް ވީ ވައުދުތަކާ އެއްގޮތަށް އަނބުރާލެއްވުމަށް ގޮވާލާ ކަމަށެވެ.

ވަހީދުގެ ގަރާރުގައި ބުނެފައިވަނީ އެމްޑީޕީގެ މެނިފެސްޓޯގައިވާ މައިގަނޑު ގިނަ ސިޔާސަތުތަކާއި ޕާޓީގެ ވިސްނުންތަކާއި ސީދާ ކަނޑައެޅިގެން ގަސްދުގައި ދިމާއިދިކޮޅަށް ސަރުކާރުގެ ސިޔާސަތުތައް ގެންގުޅޭކަމީ އެމްޑީޕީގެ މެންބަރުންނާއި ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ނުހަނު ކަންބޮޑުވުމާއި ނުރުހުން އޮތްކަމެއް ކަމަށެވެ.

މި ގަރާރުގައި ވަނީ ބޯހިޔާވަހިކަމުގެ ވައުދާއި، ފުދުންތެރިކަމާއި އާމްދަނީ މަތިކުރުމަށް ވީ ވައުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާބެހޭ ވައުދުތަކާއި، ފަތުރުވެރިކަމާއި ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމުގެ ވައުދުތަކާއި، ރައްޔިތުންގެ އުފެއްދުންތެރިކަމާއި އާމްދަނީ މަތިކުރުމުގެ ވައުދުތަކާއި، ސަރުކާރުގެ ވިޔަފާރި ކުޑަކޮށް އަމިއްލަ ވިޔަފާރިތައް ފުޅާ ކުރުމަށް އެމްޑީޕީން ގެންގުޅޭ ސިޔާސަތުތަކާ އެއްގޮތަށް ސަރުކާރުގެ ސިޔާސަތު އަނބުރާލައި އެމްޑީޕީގެ އަމާޒަށް ސަރުކާރުގެ ސިޔާސަތު ބައްޓަން ކުރުމަށް ގޮވާލާ ކަމަށެވެ.