ސަޕްލައި ދޯންޏެއްގައި އަލިފާން ރޯވެ އަޑިއަށް ގޮސްފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ލ.މާވަށުގެ ދެކުނުން 7 ނޯޓިކަލް މޭލު ބޭރުން "ނޫރު-2" ނަމަކަށްކިޔާ ދޯންޏެއްގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެމްއެންޑީއެފްއިން ފުރަތަމަ ބުނެފައިވަނީ މި ދޯންޏަކީ މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއް ކަމަށެވެ. އެހެންނަމަވެސް ފަހުން ބުނެފައިވަނީ އެ ދޯންޏަކީ ސަޕްލައި ދޯންޏެއް ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ މިއަދު ހެނދުނު 07:15 ހާއިރު ކަމަށް މައުލޫމާތުދީފައިވެއެވެ.
ހާދިސާގެ މައުލޫމާތު ލިބުމާ އެކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެ ސަރަހައްދަށް ދިޔައިރު ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމްއެންޑިއެފްއިން ބުނެފައިވެއެވެ. ނަމަވެސް އެ ދޯނިން ދަތުރުކުރި 4 ފަޅުވެރިން، ދިވެއްސަކާއި ތިން ބިދޭސީން ކަނޑުމަތިން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ އުޅަނދަށް ފެނިގެން އެމީހުން ލ.ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވާ ކަމަށެވެ.